ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ފުލުހުންގެ މުއައްސަސާ ބަދުނާމުކޮށް ވާހަކަ ދައްކަމުންދާ ކަމުގެ ތުހުމަތުގައި މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ދޫކޮށްލައިފިއެވެ.
ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާއިރު އޭނާ ވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ހަތަރު ގަޑިއިރު ހޭދަކޮށްފައެވެ.
ރިޔާޒް ފުލުހުންގެ އިދާރާއިން މިރޭ ދޫކޮށްލި ނަމަވެސް އޭނާގެ ފޯން އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މީގެ އިތުރުން ފުލުހުންވަނީ ކޯޓް އަމުރެެއްގެ ދަށުން ރިޔާޒު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފައެވެ. އޭނާގެ ގެ ބަލާ ފާސްކޮށްފައި ވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމުގެ އިތުރުން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ފުލުހުންގެ މުއައްސަސާ ބަދުނާމުކުރުމުގެ ތުހުމަތުގައެވެ.

އަބްދުﷲ ރިޔާޒުގެ ހާޒިރުގައި އޭނާގެ އެޕާޓްމަންޓް ފުލުހުން ބަލައިފާސްކުރަން އެ ގޭގައި-- ފޮޓޯ/ ޓްވިޓާ
ނަމަވެސް އަބްދުﷲ ރިޔާޒު ދިރިއުޅުއްވާ މ. ނެކްޓާގެ، އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު އެއްވެސް އެއްޗެއް ފުލުހުން ގެންގޮސްފައެއްނުވެއެވެ.
އަބްދުﷲ ރިޔާޒުގެ ބަލައި ފާސްކޮށްފައި ވަނީ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ފަރާތުންނެވެ.
އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، އަބްދުﷲ ރިޔާޒު ދިރިއުޅޭ އެޕާޓްމަންޜް ބަލައި ފާސްކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކޮށްފައިވާ މެސެޖްތަކުގެ ކޮޕީގެ ހެކި ހުރުމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ރިޔާޒު ދިރިއުޅޭ އެޕާޓްމަންޓް ފުލުހުން ފާސްކުރަނީ --- ސަން ފޮޓޯ
އެހެންކަމުން އެ ގެ ބަލައި ފާސްކުރަނީ އަބްދުﷲ ރިޔާޒު ބޭނުންކުރާ މޯބައިލް ފޯނުތަކާއި އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުން މައްސަލަ އާއި ގުޅުންހުރި ގަރީނާ ހޯދުމަށް ކަމަށް ކޯޓް އަމުރުގައި ބުނެފައިވެއެވެ.
އެ އަމުރުގައި ވާ ގޮތުން، ރިޔާޒުގެ މޯބައިލްފޯނު ތަކާއި ފޯނުތަކުގެ ސިމްކާޑުތައް ފުލުހުންގެ އަތުގައި ހިފަހައްޓާފައި ބެހެއްޓޭނީ އަތުލާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށެވެ.