ހާލަތު ގޯސްވެފައިވާ ކެމަރޫން ފުޓުބޯޅަ ފެޑެރޭޝަން ހިންގުމާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އެމަޖެންސީ ޓީމެއް އެ ގައުމަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޕެނަލްއަށް މީހުން އައްޔަން ކުރާނީ ފީފާއާއި އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަނުންނެވެ. އެއާއެކު 2015 ވަނަ އަހަރު ބޭއްވުނު ކެމަރޫންގެ ފުޓުބޯޅަ ބޯޑުގެ އިންތިހާބު އުވާލައި އަންނަ އަހަރުގެ މާޗު މަހު އާ އިންތިހާބެއް ބޭއްވިގެން ދާނެއެވެ.
ފީފާއިން އެގޮތަށް އަމަލު ކުރަން ނިންމީ ކެމަރޫންގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް، އެ ގައުމުގެ އަތުން ނަގަން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
އެފްރިކަން ފުޓުބޯޅަ ކޮންފެޑެރޭޝަންގެ ރައީސް، އަހުމަދު ވަނީ 24 ޓީމަށް މުބާރާތް ފުޅާ ކުރުމާއެކު ކެމަރޫނަށް މުބާރާތް ހޯސްޓު ކުރުމުގެ ގާބިލް ކަމާމެދު ސުވާލު އުފައްދައިފައެވެ.
އިއްޔެ ފީފާއިން ބުނީ އެގޮތަށް އަމަލު ކުރަން ނިންމީ ކެމަރޫންގެ ފުޓުބޯޅަ ސްޓޭކް ހޯލްޑަރުންގެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް ކެމަރޫންގެ ފުޓުބޯޅަ ފެޑެރޭޝަނުން ނުކުޅެދިނުމާ ގުޅިގެން ކަމަށެވެ.