އަމާނަތަކަފުލްގެ މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ވިޔަފާރީގެ ފައިދާ ކުންފުނީގެ ހިއްސާދާރުންނަށް ބެހުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އަމާނަތަކަފުލް އިން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ވިޔަފާރީގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް ޕަސެންޓް ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ހިއްސާ ބައްލަވައިގެންފައިވާ ފަރާތްތަކަށް ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އަހަރުގެ ޖުލައި 31 ވަނަ ދުވަހާ ހަމައަށް އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 4.8 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އަމާނަތަކަފުލް އިން ބުންޏެވެ. މިއީ ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހާ އަޅާ ބަލާ އިރު 21 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އަމާނަތަކަފުލް އިން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި، އިންޝުއާކޮށްފައިވާ ފަރާތްތަކަށް 24.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރިސްކް ފަންޑަށް 27 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހިއްސާދާރުންގެ ފަންޑު ވެސް ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަލާބަލާ އިރު 19 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މައިގަނޑު ތަކަފުލް ކްލާސްތަކުން ލިބުނު ކުރިއެރުމާ އެކު ކުންފުނީގެ ޖުމްލަ އާމްދަނީ ފާހަގަ ކުރެވޭ އަދަދަކަށް އިތުރުވެފައިވާ ކަމަށް ވެސް އަމާނަތަކަފުލް އިން ބުނެ އެވެ.
ނަމަވެސް އެ ކުރިއެރުމަކީ ކޮބައި ކަމެއް އެ ކުންފިން ހާމައެއް ނުކުރެ އެވެ.
އެ ކުންފުނީން ބުނީ ކުރިއެރުން ލިބިފައި ވަނީ އިންވެސްޓްމަންޓްތަކާއި އެހެނިހެން އާމްދަނީ އިތުރުވެގެން ދިއުމުގެ ސަބަބަބުން ކަމަށެވެ. އަދި ކުންފުނިން ހިފަހައްޓަމުންގެންދާ އުސޫލީ މިންގަނޑުތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރުކަމުގައި އެކުންފުނިން ބުންޏެވެ.