މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އަހުމަދިއްޔާ ބަލިކޮށް، ދަރުމަވަންތަ ސްކޫލުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާ ކުރި ހޯދީ ދަރުމަ ވަނަތަ ސުކޫލުން ނެވެ. މެޗްގެ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައި ދަރުމަވަންތަ އަށް ލީޑް ނަގައި ދިނީ އިބްރާހިމް ވިސާމް ނަޝީދެވެ.
މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމި ދެ ވަނަ ހާފަށް ދެ ޓީމް ވެސް ކުޅެން ނިކުތްއިރު، 1-0 ލަނޑުން ލީޑް ހޯދާފައިވާ ދަރުމަވަންތަ ކޮޅަށް އަހުމަދިއްޔާއިން ލަނޑު ޖެހީ ދެ ވަނަ ހާފްގެ ކުރީ ކޮޅުއެވެ. އިބްރާހިމް ބިޝާރު އަހުމަދިއްޔާ އަށް ދެ ވަނަ ހާފްގައި ގޯލްޖަހާދީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް އޭނގެ އިރުކޮޅެއް ފަހުން ދަރުމަވަންތަގެ އުމަރު މަމްދޫހް ވަނީ ލީޑު އަލުން ހޯދައިދީފަ އެވެ. އެކަމަކު މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޝޫޓް އައުޓަކަށް ދާން ޖެހުނީ މެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އަހުމަދިއްޔާގެ ކެޕްޓަން ފައްސާން ވަލީދު ޖެހި ލަނޑުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުވުމުންނެވެ.
ދެޓީމް ވެސް ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައިރު، ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ އަހުމަދިއްޔާގެ އަހުމަދު ހައްމާދުއެވެ. އެހެންނަމަވެސް އެ ޕެނަލްޓީ ދަރުމަންތަގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ވަނީ ދިފާއުކޮށްފަ އެވެ. ދެ ޓީމުން ދެން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ދަރުމަވަންތަ އަށް އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ލިބުނީ އަހުމަދިއްޔާގެ މުހައްމަދު ނައްޒާމް ފޮނުވާލި ފަސް ވަނަ ޕެނަލްޓީ ބޭރަށް ދިއުމުންނެވެ.
ރޭގެ މެޗަށް ފަހު މުބާރާތުގެ މިއުމުރުފުރާގެ ވަނަ ވަނަ އަށްއާ ފަރާތްތަކަށް ތައްޓާއި މެޑަލް ދެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މައުރޫފް ޖަމީލް )މާއްޓޭ( އެވެ.
މި މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންނަކީ ދަރުމަވަންތަގެ އަހުސަން އިބްރާހިމާއި އެ ޓީމުގެ ކެޕްޓަން އަލީ އިބްރާހިމާއި އަހުމަދިއްޔާގެ ފައްސާން އާއި އެ ޓީމުގެ އާދަމް ހާފިޒު އަދި އަރަބިއްޔާގެ ކެޕްޓަން އަންސާރު އިބްރާހިމް ފުޅެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އަހުމަދިއްޔާގެ އައްސަދު އަލީ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ދަރުމަވަންގެ އަހުސަން އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ އަހުމަދިއްޔާގެ އިބްރާހިމް ބިޝާރެވެ. ފެއާ ޕްލޭ ޓީމަކީ އަހުމަދިއްޔާ އެވެ.