ސްޓަންޓެއް ހަދަނިކޮށް، "ޑެޑްޕޫލް 2"ގެ ސްޓަންޓު ހަދާ އަންހެނަކު މަރުވެއްޖެ

ޑެޑްޕޫލްގެ މަންޒަރެއްގެ ތެރެއިން ---

މާވެލްގެ ސްޕަހީރޯ ފިލްމް "ޑެޑްޕޫލް" ގެ ދެ ވަަނަ ފިލްމުގެ ޝޫޓިންއެއްގައި ސްޓަންޓެއް ހަދަން އުޅުނު ސްޓަންޓު ހަދާ އަންހެނަކު މަރުވެއްޖެ އެވެ.

ކެނެޑާގެ ވެންކޫވާ ސިޓީގައި ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ، އެމެރިކާގެ ފުރަތަމަ އެފްރިކަން އެމެރިކަން ރޯޑް ރޭސާގެ ލައިސެންސް ނެގި ޖޮއީ އެސްޖީ ހާރިސް ނަމަކަށް ކިޔާ އަންހެނެކެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި، އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލުގައި ސްޓަންޓެއް ހަދަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް އިމާރާތެއްގެ ތެރެއަށް ވަދެގެންނެވެ. އަދި އެކްސިޑެންޓު ވުމުން ފުރަތަމަ ބެލީ އެއީ ފިލްމުގެ ޝޮޓެއް ކަމަށް މަންޒަރުދުއް މީހުން ބުންޏެވެ.

"ޑެޑްޕޫލް" ގެ ދެވަަނަ ފިލްމުގެ ޝޫޓިންއެއްގައި މަރުވި ސްޓަންޓު ހަދާ އަންހެން މީހާ ----

ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެކްސިޑެންޓުގެ ކުރިން ސްޓަންޓް ހަދާ އަންހެން މީހާ ވަނީ އެ ސްޓަންޓަށް ވަރަށް ރަނގަޅަށް ފަރިތަކޮށް، ކާމިޔާބު ސްޓަންޓުތަކެއް ވެސް ހަދާފައެވެ.

އެކްސިޑެންޓާ ގުޅިގެން ޑެޑްޕޫލް 2 ގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް މެދުކަނޑާލާފައިވާއިރު، އެ ފިލްމުގެ ޓައިޓަލް ރޯލުން ފެނިގެންދާ ތަރި، ރަޔަން ރޭނޮލްޑްސް ބުނީ، އޭނާއަށް ކުއްލި ޝޮކެއް ލިބި ހިތް ހަލާކުވެފައިވާ ކަމަށެވެ.

comment ކޮމެންޓް