ޖުލައި މަހު މީރާއަށް 2.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

މީރާ-- ސަން ފޮޓޯ/އަލީ ނަސީރު

ނިމިދިޔަ ޖުލައި މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް 2.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ޖުލައިމަހުގެ ރެވެނިއު ރިޕޯޓު ބުނާގޮތުގައި މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި 53.4 މިލިއަން ޑޮލަރު ހިމެނޭކަމަށް މީރާގެ ރިޕޯޓްގައި ބުނެއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 42.9 އިންސައްތައެވެ. އަދި ޖުމްލަ އާމްދަނީގެ 30.9 އިންސައްތަ (ޖީއެސްޓީ)ގެ ގޮތުގައި ހޯދައިފަވާއިރު ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 8.3 އިންސައްތައިގެ އާމްދަނީއެއް މީރާއިން ވަނީ ހޯދާފައެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަދަދަކީ މީރާއިން ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 54.8 އިންސައްތަ އިތުރު އަދަދެކެވެ.

comment ކޮމެންޓް