ރިޓަޔާ ކުރުމަށް ފަހު ދުވުމުގެ ތެރެއަށް އެނބުރި ނާންނާނެ ކަމަށާއި އެއީ އެނބުރި އަތުވެއްޖެ ނަމަ ވާނެ ގޮތަކީ މިހާރަށް ވުރެ ގޯސްވުން ނުވަތަ ލަދުގަތުން ކަމަށް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ބުނެފިއެވެ.
ލަންޑަންގައި ކުރިއަށްދާ " އެތުލެޓިކްސް ވޯލްޑް ޗެމްޕިއަން"ގައި ދުވުމަށްފަހު އޭނާ ކެރިއަރު ނިންމާލިކަން އިއުލާންކުރަމުން ބޯލްޓް ބުނެފައިވަނީ މިއީ ހިތްދަތި އަލްވަދާއެއް ކަމަށާއި ދެން އޭނާ އެނބުރި ދުވުމުގެ ތެރެއަށް ނާންނާނެ ކަމަށެވެ.
" ބައެއް ފަހަރު އެބަދިމާވޭ ރިޓާޔާރ ކުރުމަށް ފަހު އަލުން އަނބުރާ އެބަ އާދޭ ބައެއް މީހުން ދުވުމުގެ ތެރެއަށް. އަހަރެން އެކަން އެގޮތަކަށް ނުކުރާނަން. ސަބަބަކީ އެކަން އެގޮތަށް ކޮށްފި ނަމަ ވެގެންދާނެ ގޮތަކީ ލަދު ގަތުން ނޫނީ މިހާރަށް ވުރެ ގޯސްވުން،" އުމުރުން 30 އަހަރުގެ ދުވުން ތެރިޔާ ބުންޏެވެ.
ބޯލްޓުގެ ކެރިއަރުގެ ފަހު ރޭހުގައި ވޯލްޑް ޗެމްޕިއަންޝިޕުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ދުވަނިކޮށް އޭނާއަށް ވަނީ އަނިޔާވެގެން، ވަކި ހިސާބަކުން އެ ރޭސް ނިންމާލަން ޖެހިފައެވެ.
އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ބާރު ދުވުން ތެރިޔާގެ ފަހު ރޭހުގައި ކަންވެގެން ދިޔަ ގޮތާ ގުޅޭ ގޮތުން ބޯލްޓް ބުނީ ދުނިޔޭގެ އެންމެ މޮޅު ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީވެސް އޭނާގެ އެންމެ ފަހު މެޗުން ބަލިވި ކަމަށެވެ.
" އަހަރެން ގާތު މީހަކު ބުނީ ހާސް ނުވާށޭ. މުހައްމަދު އަލީވެސް އޭނާގެ އެންމެ ފަހުން ބޮކްސިންގ މެޗުން ވީ ބައްޔޭ،" އޮލިމްޕިކްސްގެ އިންޑިވިޖުއަލް، ހަ ރަން މެޑަލް ހޯދާފައިވާ ދުވުންތެރިޔާ ބުންޏެވެ.
ބޯލްޓް އިތުރަށް ބުނީ އޭނާގެ ދިގު ކެރިއަރުގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަަމަށާއި އެކަން މުޅި ދުނިޔެވެސް ގަބޫލުކުރާނެ ކަމަށެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ ހޯދި ކާމިޔާބީ ތަކަކީ އޭނާވެސް އަދި ކޮންމެ މީހަކުވެސް އެއާ މެދު ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށާއި އެހެން ކަމުން އެންމެ ފަހު ދުވުމުގައި ވީ ގޮތަކީ މާބޮޑު މައްސަލަ އެއް ނޫންކަމަށެވެ.
މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕުން ހަތް ރަން މެޑަލް ހޯދި، ޖެމެއިކާއަށް އުފަން ބޯލްޓް، ވޯލްޑް ޗެމްޕިއަން ޝިޕަށް ފަހު ރިޓަޔާ ކުރާއިރު އޭނާ އިތުރަށް ބުނީ އަލްވަދާއު ކިޔުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭނާއަށް ސަޕޯޓްދިން ހުރިހާ މީހުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.