ރާއްޖެ އައި ބަންގްލަދޭޝްގެ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝް މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި

ރާއްޖެ އައި ބިދޭސީ ފަސިންޖަރަކު ރާއްޖެ އަށް އެތެރެކުރަން އުޅުނު 71 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝުން ރާއްޖެ އައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ކަމަށެވެ.

އެ ތަކެތި އަތުލައިގަތީ އޭނާގެ އަމަލުތައް ހުރިގޮތުން އެއާޕޯޓްގެ ޕެސެންޖާ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި އޭނާ ފޮރުވާފައި ހުރީ އޭނާގެ ލަގެޖުގެ ތެރޭގައި އޮތް ފައިވާނެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި ހުރީ ގުޅަތަކެއްގެ ސިފާގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި ތަހުލީލުކުރި އިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ޕޮޒިޓިވް ވެފައި ކަމަަށް ވެސް އެ އިދާރާ އިން ބުންޏެވެ. އަދި އަތުލައިގަން ޖުމްލަ 690 އެމްފެޓަމައިން ގުޅަތަކުގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 71 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް