ކުރުދީން މިނިވަންކަން އިއުލާންކޮށްފިނަމަ ބޯޑަރުތައް ބަންދުކޮށްލާނަން: އިރާން

އިރާގުގެ ކުރުދީން ދިރިއުޅޭ ސަރަހައްދު (ފެހިކުލައިގައި). އިރާގުގެ ކިބައިން މިނިވަންވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ސެޕްޓެމްބަރު މަހު ހަމޖެހިފައި--

ކުރުދީން މިނިވަންކަން އިއުލާންކޮށްފިނަމަ އިރާނުން އެ ގައުމުގެ ބޯޑަރުތައް އެއްކޮށް ބަންދުކުރާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް އިރާގީ ކުރުދިސްތާނުން އިރާނަށް ކަނޑއަޅައިފައިވާ ސަފީރު ނާޒިމް ދަބާގް ވިދާޅުވެއްޖެއެވެ.

ކުރުދިސްތާނުން މިނިވަންކަން އިއުލާން ކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް މި އަހަރުގެ ސެޕްޓެމްބަރު މަހު ނެގުމަށް ވަނީ ހަމޖެހިފަ އެވެ. އިރާނުން ވަނީ އެ ވޯޓް ނެގުމަށް ވަރަށް ބޮޑަށް ދެކޮޅުހަދައި އެކަން ހުއްޓާލުމަށް ގޮވައިލައިފައެވެ.

"ފެންނަ ނުފެންނަ ވޯޓަށްފަހު އިރާނުން ކުރުދިސްތާނުގެ ބޯޑަރުތައް ބަންދުކޮށްލާނެ. ވޯޓާ ގުޅޭ ގޮތުން އިރާނާ އެއްވެސް ވަރަކަށް ވާހަކަ ދެއްކުމަށް ހަމަޖެހިފައެއް ނުވޭ. ނަމަވެސް ވޯޓާ ދެކޮޅު ކަން އިރާނުން ވަނީ ކުރުދިސްތާނުގެ އެންމެ އިދިކޮޅު ޕާޓީ [ޕީޔޫކޭ] އަށް އަންގާފައި،" ނާޒިމް ބުންޏެވެ.

އިރާނުގެ އިތުރުން ތުރުކީ އަދި ސީރިއާއިން ވެސް ވަނީ ފެންނަ ނުފަންނަ ވޯޓަށް ވަރަށް ބޮޑަށް ދެކޮޅުހަދައިފައވެ. އެހެންކަމުން ވޯޓަށްފަހު މިނިވަންކަން އިއުލާން ކުރިއަސް ކުރުދިސްތާނު އޮންނާނީ ބަންދުވެފައިވާ ގައުމެއްގެ ގޮތުގައެވެ. ކުރުދިސްތާނާކީ ބެދިފައިވާ ގައުމަކަށް ވާއިރު އެ ގައުމުގެ ވަށައިގެންވާ ބޯޑަރުތަކަކީ އިރާގު، އިރާން، ތުރުކީ އަދި ސީރިއާގެ އިންތަކެވެ.

އިރާގުގެ ކުރުދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ މިނިވަން ދައުލަތެއް، އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އުފައްދައިފިނަމަ އީރާނާއި ތުރުކީގައި ދިރިއުޅޭ ކުރުދީން ވެސް ވަކިވެގަތުމަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެ ދެ ގައުމުން އިހްސާސް ކުރަމުން ގެންދެ އެވެ.

އިރާގުގެ ކިބައިން މިނިވަންކަން އިއުލާން ކުރުމަށް ކުރުދިސްތާނުން ނަގާ ވޯޓަށް އިރާގު، އެމެރިކާ، އީޔޫ، ޖަރުމަނުވިލާތާއި ރަޝިއާ އިން ވެސް ވަނީ ދެކޮޅުހަދައިފަ އެެވެ.

ކުރުދިސްތާނުގެ މިނިވަން ކަމަށް ފާޅުގައި ގޮވައިލައިފައި ވަނީ އިސްރާއިލުން އެކަންޏެވެ.

comment ކޮމެންޓް