އާދާލަތު ޕާޓީ އާއި ޑީއާރްޕީގެ ވިސްނުން ވަރަށް ކައިރި: މައުމޫން

ރާއްޖޭގައި އިސްލާމް ދީން ރައްކާތެރިކޮށް ކުރިއަރުވައި ސައްތައިންސައްތަ މުސްލިން ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށްޓަކައި ޑީއާރްޕީ އާއި އާދާލަތު ޕާޓީ ކުރާ މަސައްކަތުގެ ސަބަބުން ދެ ޕާޓީގެ ވިސްނުން ވަރަށް ކައިރި ކަމަށް ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީއަށް ހަ އަހަރު ފުރުމުގެ މުނާސަބާގައި ޒެޑް-ޑީއާރްޕީން މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަދާލަތު ޕާޓީގެ އާލީޑާޝިޕަކާއެކު އާ މަރުހަލާއަކަށް އެ ޕާޓީ ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ޕާޓީއަކީ ޑީއާރްޕީގެ އާންމު މެންބަރުން ހެޔޮއެދޭ ޕާޓީއެއް ކަމަށް މައުމޫން ވިދާޅުވެ އަދާލަތަށް ތައުރީފު ކުރެއްވެވި އެވެ.

"އަޅުގަނޑުމެން އެންމެ ހެޔޮއެދޭ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީ މިހާރު އާ މަރުހަލާއަކާ ކުރިމަތިލައިފި ވާހަކަ.. އަދާލަތު ޕާޓީގެ ވިސްނުމާއި ޑީއާރްޕީގެ ވިސްނުމާ ވަރަށް ކައިރި. މިހެން މިދެންނެވީ އަދާލަތު ޕާޓީން އެންމެ އިސްކަންދެއްވާ ކަމަކީ ރާއްޖޭގައި އިސްލާމްދީން ރައްކާތެރި ކުރުން،" އަދާލަތު ޕާޓީއަށް ކުރިއެރުމާއި ތަރައްގީ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައްމުން މައުމޫން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އާ މަރުހަލާއަކަށް ކުރިމަތިލެއްވުމާ ގުޅިގެން އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީގެ އާ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިނަށާއި އެ ޕާޓީގެ އިސްތަރުޖަމާން ޝައިހް މުހައްމަދު ޝަހީމް މުހައްމަދު ޝަހީމް އަލީ ސައީދަށް މައުމޫން މަރުހަބާ ދެންނެވި އެވެ.

އަދާލަތު ޕާޓީގެ އާ ލީޑާޝިޕަށް މަރުހަބާ ވިދާޅުވެ، އެ ޕާޓީއަށް ތައުރީފުގެ ބަސްތަކެއް މައުމޫން ފުރުތަމަ ފަހަރަށް ރައްދު ކުރައްވާފައި ވަނީ 2008 އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ޕާޓީ އާއި ޑީއާރްޕީއާ ދެމެދު ރައްދު ކުރި ބަހުގެ ހަމަލާތަކަށްފަހު އެވެ. އަދި އަދާލަތު ޕާޓީގެ ރޭގެ ޖަލްސާގައި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ އިސްލާހީ ހަރަކާތްތައް މައުމޫން ފައްޓަވައި ކުރެއްވެވި މަސައްކަތައް އެމަނިކުފާނަށް ޝަހީމް ޝުކުރު ދަންނަވައިފައި ވަނިކޮށެވެ.

މިރޭގެ ޖަލްސާގައި ޑީއާރްޕީގެ ގައުމީ މައްސޫލިއްޔަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ދިވެހިންނަށް ލިބިފައިވާ މިނިވަންކަން ދެމެހެއްޓުމަށާއި ޑިމޮކްރަސީގެ ތެރޭގައި ވެރިކަން ދެމެހެއްޓުމަށް ޑީއާރްޕީން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި އެކަންތައްތަކަކީ ގައުމީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންތައްތަކުގެ ތެރެއިން ދީނުގެ މިނިވަންކަން ބަޔަކަށް ލިބިގެންހިގައްޖެ ނަމަ އަޅުގަނޑުމެންގެ މިނިވަން ކަމަށް އެކަމުގެ ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖޭގައި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފިކުރީ ނުވަތަ ވިސްނުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށާއި މިނިވަންކަމުގެ ތެރޭގައި އިގްތިސާދީ މިނިވަންކަން އޮންނަންޖެހޭނެ ކަމަށާއި ސަގާފީ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ މަސްލަހަތު ނިޔާކުރާ ގޮތަކީ ޑިމޮކްރަސީގެ ތެރެއިން ވެރިކަމެއް ގާއިމް ކުރެވިފައި އޮތުން ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ 2004 އަހަރު އިއުލާން ކުރި ޒަމާނީ ޑިމޮކްރެސީގެ ތަބުތައް 2008 އަހަރުގެ ކުރިން ރާއްޖޭގައި ގާއިމްކޮށްފައިވާ ކަމަށެވެ.

"ފުރިހަމަ ގާނޫނު އަސާސީއެއް ވަނީ އެކަށައެޅިފަ. މިނިވަން މުއައްސަސާތަކެއް ވަނީ ގާއިމް ކުރެވިފަ. ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކެއް ވަނީ އުފެދިފަ. ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކެއް ވަނީ ރައްކާތެރި ކުރެވިފަ. އަދުލު އިންސާފު ވަނީ ގާއިމް ކުރެވިފަ،" މައުމޫން ވިދާޅުވި އެވެ.

އިސްލާހީ ހަރަކާތުގެ ތެރެއިން ރާއްޖެއަށް ގެނައި ބަދަލު މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ ރައްޔިތުން ބާރުވެރި ކުރުމުގެ ބަދަލުގައި މީހުންގެ ހައްގުތައް ނިގުޅައިގަނެވެމުންދާ މަންޒަރު ކަމަށާއި އަދި އެކަންތައްތައް އިސްލާހުކޮށް ދިވެހިން ބޭނުންވާ ޑިމޮކްރެސީއެއް ޑީއާރްޕީން ރާއްޖެއަށް ގެންނަންޖެހޭ ކަމަށެވެ.

ޒެޑް ފެކްޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމުން ވަކިކޮށްފައިވާ އުމަރު ނަސީރު މިރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ފެކްޝަންގެ ރިޔާސީ ކެނޑިޑޭޓާމެދު ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޒެޑް-ޑިއާރްޕީގެ ރިޔާސީ ކެނޑިޑޭޓަކީ ޕްރައިމަރީއަކުން ހޮވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކެންޑިޑޭޓަކީ ޑީއާރްޕީގެ އާންމު މެންބަރުންގެ ވޯޓަކން ހޮވާ ބޭފުޅަކަށް ވާނެ ކަމަށެވެ.

"މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ތިޔަބޭފުޅުންގެ ވޯޓަކުން ދިވެހި ރައްޔިތުންގެ އާންމު މެންބަރުންގެ ވޯޓަކުން އިންތިހާބު ކުރާ މީހަކަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ހަދާނަން.. އަޅުގަނޑުމެންނަށް ފެންނަމުންދަނީ ރައްޔިތުންގެ މަޖިލިސް ތެރޭގައި ވަރަށް ބޮޑެތި އިއްތިހާދުތައް ހެދިގެން އަޅުގަނޑުމެންގެ މަސައްކަތްތައް އާރޯ ތާޒާކަމަކާއެކުގާ ކުރިއަށް އަލުން ފަށާގަންނަ މަންޒަރު،" އުމަރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެ ޕާޓީއަށް ހަ އަހަރު ފުރުމުގެ މުނާސަބާގައި ކޭކުފެޅުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ގޮފިތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މިރޭގެ ޖަލްސާގައި ޑީއާރްޕީގެ ޒެޑް ފެކްޝަންގެ މެންބަރުންނާއި އިދިކޮޅު ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުރީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންގެ އިތުރުން ކުދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު