މ. ކޮޅުފުށީ އިލެކްޓްރިފިކޭޝަން ސިސްޓަމް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް 13.9 މިއިލަން ރުފިޔާ އަށްޓްރޮޕިކް އިންވެސްޓްމަންޓާ ހަވާލުކޮށް، އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީއާ ޓްރޮޕިކް އިންވެސްޓްމަންޓާ ދެމެދު އެގްރިމެންޓްގައި ސޮއިކުރީ މިއަދު އެމިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހަންމަދު ޝަރީފް އެވެ. އަދި ޓްރޮޕިކް އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ މުހަންމަދު ޒިޔާދެވެ.
ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިޕްރޮޖެޓަކީ ސަރުކާރު ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެޓެއް ކަމަށާއި އެގްރިމެންޓުގައިވާ ގޮތުގައި ކަރަންޓް ސިސްޓަމް އެއް އަހަރު ދުވަހުގެތެރޭ ގާއިމްކޮށް ނިންމަން ޖެހޭނެ ކަމަށެވެ.
މިރަސްމިއްޔާތު މުހަންމަދު ޝަރީފް ވަނީ މ. ކޮޅުފުށީ ގައި ސުނާމީގެ ސަބަބުން އެރަށުގައި ކުރިއަށްދާ ހައުސިން ޕްރޮޖެޓާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ހައުސިން ޕްރޮޖެޓް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ ކަމަށާއި މަސައްކަތުގެ މުއްދަތު ހަމަވާން ނުވަ މަސް ވެފައިވާ އިރު ނިމިފައި ވަނީ މަސައްކަތުގެ ހަމައެކަނި 30 ޕަސަންޓް ކަމަށެވެ.
މަސައްކަތް ހިނގަމުންދާ ގޮތް ލަސްކަމުން ސަރުކާރުން ވަނީ ކޮންޓްރެކްޓަރާ އެކި މަރުހަލާ ތަކުގައި ވާހަކަ ދައްކާފައި ކަމަށާއި އަދި ކޮންޓްރެކްޓާ ވަނީ ދީފައިވާ މުއްދަތަށް މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ދީފަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.