ޓީއެފްޖީން އިސްނަގައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައި އެ ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނޭ ކަމަށް ޓީއެފްޖީން ބުނެފިއެވެ.
"ރަން އިން އައްޑޫ"ގެ ނަމުގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ، މިއީ މިފަދަ ބޮޑު ދުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި ދުވުމުގައި ދުވުމުގެ ބައިވެރީން 42 ކިލޯ މީޓަރުގެ ސަރަހައްދަކަށް ދުވާނެ ކަމަށެވެ.
ޖުމުލަ ހަތަރު ބައެއް ހިމެނޭ ދުވުން އައްޑޫގައި ކުރިއަށްގެންދާއިރު އެ ދުވުމުގެ ތެރެއިން އައްޑޫގެ ރީތިކަމާއި އައްޑޫގެ ސަގާފަތް އެންމެ ފުރިހަމަ އަށް ފެންނާނެހެން ގިނަ ކަންތަތައް ތަކެއް ކުރުމަށް ރާވާފައިވާކަމަށް ޒިނާން ވިދާޅުވިއެވެ. އެ ގޮތުން އައްޑޫ ސިޓީގެ އެންމެ ފުރިހަމަ ބިނާ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު ކައިރިން މި ރޭސް ފެށުމަށް ހަމަޖެހިފައިވާއިރު ރޭސް ނިންމަން ހަމަޖެހިފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށެވެ.
އެ ދުވުން އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް، ޓީއެފްގީއަށް ލަފާދެއްވަމުން ގެންދަވާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރެޓަރީ އަހްމަދު މަރްޒޫގް (މަރޭ) ވިދާޅުވީ، މި ދުވުމަކީ ހުރިހާ ގޮތަކުންވެސް ހާއްސަ ރޭހަކަށް ވެގެންދާނެ ކަމަށާއި އަދި އައްޑޫގައި ދުވުން ބޭއްވިގެން ދިޔުމަކީވެސް ހާއްސަ ކަމެއް ކަމަށެވެ.
މަރޭ ވިދާޅުވީ އައްޑޫގައި މި ފަހަރު ރޭސް ކުރިއަށްދާ "ރޫޓް" ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ދުވުންތައްވެސް ކުރިއަށްގެންދެވޭ ވަރުގެ ތަނަކަށް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) ވިދާޅުވީ، މި ފަދަ ދުވުމެއް އައްޑޫގައި ބާއްވަން ހަމަޖެހިގެން ދިއުމަކީ އައްޑޫ ސިޓީއަށް ލިބިގެން ދާނޭ ބޮޑު ކުރިއެރުމެއް ކަމަށާއި އައްޑޫ ކައުންސިލުން އަބަދުވެސް އެފަދަ ހަރަކާތްތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫގެ ތަރައްގީއަށްވެސް އެފަދަ ހަރަކާތްތަކަކީ މުހިއްމު ކަންކަން ކަމަށާއި މިފަހަރު ބާއްވާ ދުވުންވެސް ކާމިޔާބު ދުވުމަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަަމަށެވެ.
އައްޑޫގައި ކުރިއަށްގެންދާ ރޭހުގައި ޖުމުލަ 300 ބައިވެރިން ބައިވެރިވާނެ ކަަމަށް ޓީއެފްޖީއިން މައުލޫމާތު ދެއެވެ. އަދި އެ ދުވުމުގެ ބައިވެރިން އައްޑުއަށް ދެވޭނެ ހާއްސަ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހާއްސަ އެކްސްޕޯއެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވުމުގެ ހަވާސާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ ހިނގާލުމެއްގެ އިތުރުން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ދުވުމެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.