ނޮޅިވަރަމުން މާދަމާ ގޯތި ދޫކުރަން ނިންމާފައި ވަނިކޮށް، އަތޮޅު ކައުންސިލުން އެކަމަށް ހުރަސްއެޅުމުން ރައްޔިތުން ރަތަށް!

ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމަށް ގުރުއަތުލުން މާދަމާ ބާއްވަން ރަށު ކައުންސިލުން ނިންމާފައިވަނިކޮށް، އަތޮޅު ކައުންސިލުން އެކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުން، އެކަމާ ހިތްހަމަނުޖެހި، ގިނަ އަދަދެއްގެ ރައްޔިތުން ނޮޅިވަރަމް ކައުންސިލް އިދާރާ ކައިރިއަށް އެއްވެ، އަޑުގަދަކޮށްފި އެވެ.

ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ކައުންސިލް އިދާރާ ކައިރިއަށް މިއަދު ހަވީރު 4:00 ޖަހާއެހާކަންހާއިރު ރައްޔިތުން އެއްވެ ނުރުހުން ފާޅުކުރީ އެކި "ބަހަނާ"ތައް ދައްކައިގެން އެ ރަށުން ގޯތި ދޫކުރުން ލަސްކުރަމުންދާތީ ކަމަށެވެ. އެގޮތުން ގޯތިތަކުގެ އިންވަކިކޮށް، ވިނަނޮޅައި ސާފުކޮށް ނިންމައި، މާދަމާ ގުރުއަތުލުން ބާއްވަން ނިންމައިފައިވަނިކޮށް، އެކަން ވަނީ މިހާރު ފަސްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އެތައް އަހަރެއް އަޅުގަނޑުމެން ގެވަޅު ލިބޭތޯ އިންތިޒާރުކުރާތާ. އެތައް ސަތޭކަ ރައްޔިތުންގެ ހައްގު މިއީ. އަޅުގަނޑުމެން މިތަނުން ] ނޮޅިވަރަމް ކައުންސިލް އިދާރާ ކައިރިން[ ދުރަށް ދާނީ ދެން ގޯތި ހޯދައިފައި،" ނޮޅިވަރަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ނޮޅިވަރަމް ކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދް ވިދާޅުވީ، ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ގޯތި ދޫކުރަން ކައުންސިލުން ބޭނުންވާ ކަމަށެވެ. އެގޮތުން ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 174 ފަރާތަކަށް ގޯތި ދޫކުރަން ހަމަޖައްސައި، މާދަމާ ގުރުނަގަން ތައްޔާރުވި ނަމަވެސް، އެކަން ކުރުން މިހާރު މަޑުޖެހިފައިވާ އޮތީ ހދ. އަތޮޅު ކައުންސިލުން އެކަމަށް ހުރަސް އެޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރަށު ކައުންސިލުން ނިންމައިފައިވާ ގޮތަށް 3000 އަކަފޫޓުގެ ގޯތި ރައްޔިތުންނަށް ދޫނުކުރެވޭނެ ކަމަށް ބުނެ އަތޮޅު ކައުންސިލުން މިއަދު މެންދުރު ފަހު ސިޓީއެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޓީ ލިބުނު އިރު، ކައުންސިލުން ވަނީ މާދަމާ ގޯތި ދޫކުރުމުގެ ގުރު ނެގުން އިއުލާން ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހދ. އަތޮޅު ކައުންސިލްގެ ސިޓީގައިވާ ގޮތުގައި، 2000 އަކަފޫޓަށް ވުރެ ބޮޑު ގޯތި ނޮޅިވަރަމުން ދުލެއްނުކުރެވޭނެ އެވެ.

ނަމަވެސް ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވީ، 3000 އަކަފޫޓުގެ ގޯތި ދޫކުރަން ރަށު ކައުންސިލުން ނިންމީ ގައުމީ އިދާރާގެ ރުހުން ވެސް ލިބިގެން ކަމަށެވެ. އެހެންކަމުން އެކަމުގައި އިތުރު މައްސަލައެއް ޖެހިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ އެ ނިންމުމާ ގުޅޭ ގޮތުން ރަސްމީ އިދާރާތަކުގެ ބަހެއް އަދި ނުލިބޭތީ މާދަމާ ގުރުނެގުން ބޭއްވޭނެ ކަމާ މެދު ޝައްކު އުފެދިފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރަސްމީ ފަރާތްތަކާ ގުޅޭތޯ މިކަމުގައި ގޮތެއް ނިންމަން. އެކަމަކު މިގަޑީގައި ރަސްމީ ގަޑި ނޫންވީމަ ރަސްމީކޮށް ފޯނުން ނުގުޅޭނެ. މޯބައިލުން ނުގުޅޭނެއެކޭ ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު