މެލޭޝިއާގައި ދިވެހިންނަށް ހާއްސަ ސެންޓަރެއް ގާއިމްކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފައިލް ފޮޓޯ/ރައީސް އޮފީސް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެއްތަނަކަށް އެއްވެ ގުޅުން ބަދަހިކުރުމަށް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު، މުހައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 4000 ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާގައި ދިވެހިންނަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ސްރީ ލަންކާގެ ކޮޅުބުގައި ވެސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރެއް ދަނީ ހިންގަމުންނެވެ.

އެތަނުން ލަންކާގައި ދިރިއުޅޭ ޒުވާނުންނަށް ދެ ފުޓްސަލް ދަނޑާއި ކުޅިވަރު ކުޅޭނެ ވަސީލަތްތަކުގެ އިތުުރުން ލަންކާގައި ދިރިއުޅޭ ދަރިވަރުންނަށް ޤުރުއާން، އިސްލާމް އަދި ދިވެހި ކުލާސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، މެލޭޝިއާގައި ދިވެހިންނަށް ހާއްސަ ސެންޓަރެއް ގާއިމް ކުރެއްވުމުގެ މަަޝްވަރާތަކެއް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުއްރައްޒާގާއާ އެކު ބޭއްވެވި މަޝްވަރާތަކުގައެވެ.

އެގޮތުން މިހާރު އެތަން ގާއިމް ކުރުމުގެ އިޖުރާއިތައް ފުރިހަމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ގާއިމްކުރުމަށް އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ހިފުމަށް ބަލައި، އެތަނުގައި ގާއިމް ކުރާނެ ވަސީލަތްތަކާއި އެތަން ކުރެހުމުގެ މަސައްކަތް ނިމި، މިހާރު ވަނީ ފައިނަލް ކުރުމުގެ މަރުހަލާގައި،" ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާނެ އެ ސެންޓަރުގެ ހުރިހާ ކަމެއް މިއަހަރުގެ ފަހުކޮޅަށް ފައިނަލްކޮށް، އަންނަ އަހަރުގެ ކުރީކޮޅު އެތަން ހުޅުވިގެންދާނެ އެވެ.

އަދި އެ ސެންޓަރުގައި ވެސް ޒުވާނުންނަށް ފުޓްސަލް އާއި އެހެނިހެން ކުޅިވަރު ކުޅެވޭނެ އިންތިޒާމްތަކުގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދަރިވަރުންނަށް ވެސް ދިވެހި، އިސްލާމް އަދި ޤުރުއާން އިން އޯލެވެލް އިމްތިހާން ހެނދޭނެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާއަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް ހިޖުރަކޮށްގެން ދިރިއުޅޭ ތިން ވަނަ ގައުމެވެ.

comment ކޮމެންޓް