ދެ ހަފްތާއަށް ފަހު ފަލަސްތީނުގެ ރައްޔިތުން އަނެއްކާވެސް އަގްސާ މިސްކިތުގައި ނަމާދު ކުރަނީ

ފަލަސްތީނުގެ ރައްޔިތުން ވަނީ އަނެއްކާވެސް އަގްސާ މިސްކިތުގެ އެތެރޭގައި ނަމާދު ކުރަން ނިންމާފަ -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖުލައި 27): އިސްރާއީލުން އަގްސާ މިސްކިތުގައި މީގެ ދެ ހަފްތާ ކުރިން އެޅި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން އެ މިސްކިތުގައި ނަމާދު ކުރުމަށް ދެކޮޅު ހެދި ފަލަސްތީނުގެ ރައްޔިތުން މިސްކިތުގެ އެތެރޭގައި އަނެއްކާވެސް ނަމާދު ކުރަން ނިންމައިފި އެވެ.

އިސްރާއީލުން އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރުތަކާއި ކެމެރާތައް ހަރު ކުރީ އެ ސަރަހައްދުގައި މި މަހުގެ 14 ވަނަ ދުވަހު ބަޑިން ހަމަލާދީ އިސްރާއީލުގެ ދެ ފުލުހަކު މަރާލުމާ ގުޅިގެންނެވެ. އޭގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ވަނީ މެޓަލް ޑިޓެކްޓަރުތައް ހުރަސްކޮށް މިސްކިތަށް ވަނުމުގެ ބަދަލުގައި މިސްކިތުގެ ބޭރުގައި ނަމާދުކޮށްފަ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ އެ ގައުމުން އެޅި ސަލާމަތީ ފިޔަވަޅުތައް ނަގާފަ އެވެ. އަދި އަގްސާ މިސްކިތުގެ މުސްލިމު ލީޑަރުން ހިމެނޭ އިސްލާމިކް ވަގްފުން ވަނީ ފަލަސްތީން ރައްޔިތުން އަނެއްކާވެސް މިސްކިތުގެ ތެރޭގައި ނަމާދު ކުރުމަށް ގޮވާލާފަ އެވެ.

އިސްރާއީލުގެ ސަރުކާރުން މަސްޖިދުލް އަގްސާއަށް އަތްގަދަ ކުރަނީ ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ފަލަސްތީނުގެ ތިން މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް