800 މިލިޔަން ޑޮލަރަށް ވާވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިއަސް ސާބިތެއް ނުކުރެވޭނެ: ޔާމީން

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކުރި ކަމަށް ބުނާ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށާއި އެބުނާ 800 މިލިއަން ޑޮލަރަށްވާ ވަރަށް ތިލަފަތުގެ އެއްކޮޅަށް ޑޮކިއުމަންޓް އެރުވިޔަސް އެ ތުހުމަތުތައް ސާބިތު ނުކުރެއްވޭނެ ކަމަށް ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެކަން ބަލައި ތަހުގީގު ކުރަން ސަރުކާރަށް ގޮވައިލާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ބެހޭ ގޮތުން ހެކި ދައްކަވައި މަޖިލީހުގައި ވާހަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެއް ގައުމުން މުދާ ގަނެގެން އަނެއް ގައުމަށް ވިއްކުމަކީ ވަގު ވިޔަފާރިއެއް ކަމަށް ބަޔަކު ބުނަން ޖެހޭނީ ކޯޓުގައި ސާބިތުކުރުމަށް ފަހުގައި ކަމަށެވެ. ގާނޫނާ ހިލާފު އެއްވެސް ކަމެއް ސިންގަޕޫރުގައި ހިންގިޔަ ނުދޭނެ ކަމަށާއި އޭނާ އާއި މައުމޫނުގެ މައްޗަށް އެ ތުހުމަތުތައް ނޫސްވެރިޔަކު ލައްވާ ކުރުވައިފގައި ވަނީ ވަރަށް ފިނޑިކޮށް ކަމަށެވެ. ގާރާރެއް މަޖިލީހަށް ހުށަހަޅައިގެން މިހާރު އުޅެނީ ކީއްވެތޯ ވެސް ޔާމީން އެއްސެވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ކޮށްފައިވާ އެ ވިޔަފާރި އަކީ ސައްހަ ވިޔަފާރިއެކެވެ. އެކަމަކާ މައުމޫނާ ގުޅުވާނަމަ މިހާރު ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ނަޝީދު އުފުއްލަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"... މައްސަލަ ބަލަން ކެރެންޏާ ހަމަ ބަލަންވީ. ބެލުމަށް އަޅުގަނޑު ހިތްވަރުދެން. ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު މިހިރީ ކެތް މަދުވެފައޭ. 800 މިލިއަން ޑޮލަރަށް ވާ ވަރަށް ޑޮކިއުމަންޓް ތިލަފަތުގެ އެއްކޮޅަށް އެރުވިއަސް ލާހިކައެއް ނޫނޭ ސާބިތުކުރާކަށް. އަޅުގަނޑުމެންނަކީ ސަރުކާރުން ވަކިވެގެން ދިޔައިރު ފައިލްތައް ހިފައިގެން ދިޔަ ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ. " އަޅުގަނޑު މިހިރީ މިކަމުގައި ޒިންމާ އުފުލަން. ގައުމެއްގެ ރައީސަކު ޒިންމާ އުފުއްލަވަން ނުޖެހޭނެ. މިކަމުން އޭރުގެ ރައީސް މައުމޫން ބަރީއަވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ނޫންކަމަށް ވާނަމަ މިހާރު މި ރާއްޖޭގައި ހިނގާ ފަސާދައިގެ ހުރިހާ ކަމެއްގެ ޒިންމާ ރައީސް ނަޝީދު އުފުއްލަވަން ޖެހޭނެ،"

އޭނަ ވިދާޅުވީ އެ މައްސަލަ ބެލުމުގެ ތެރޭގައި ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ދުނިޔޭގެ އެތަން މިތަނުގައި ދައުލަތުގެ މުދާ ގަނެފައިވާ ފަރާތްތަކުގެ ލިސްޓެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށާއި ސަރުކާރުގައި އެ ލިސްޓް ވެސް އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެސްޓީއޯ އިން ދުނިޔޭގެ އެތަން މިތަނުގައި ކޯޕަރޭޓް އުސޫލުން ވިޔަފާރިކޮށްފައިވާނެ ކަމަށާއި ގާނޫނުގެ އެއްވެސް ގޮތަކުން އެއީ ވަގު ވިޔަފާރިއެއްގެ ގޮތުގެ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ނައިބު ރައީސް ހޯއްދެވި ލިސްޓް ހާމަކުރަން ނުކުރިގެން އުޅެނީ ކީއްވެގެންތޯ ވެސް ޔާމީން ވަނީ މިއަދު ސުވާލު ކުރައްވާފަ އެވެ.

"... ލިސްޓުގައި އޮންނާނީ މި ސަރުކާރަށް މިހާރު އެހީތެރިވާ މީހުންގެ އެސެޓްތަކުގެ ވާހަކަ. އޭގައި ނޯންނާނެ އެހެން މީހެއްގެ ވާހަކަ. އަޅުގަނޑު ދެނެހުރިން މި މައްސަލައިގައި ވޯލްޑް ބޭންކުގެ ފަރާތުން ސްޓޯލަން އެސެޓް ރިކަވަރީ ޕްރޮގްރާމްގެ ދަށުން މިތަނަށް ޑެސިގްނޭޓްކޮށްފައި ހުރީ ޖޫޑްލޯންގް ކިޔާ ލޯޔަރެއްކަން. ރާއްޖެ ނާދެވޭގޮތަށް ކުރީގެ ސަރުކާރުން ފޮނުވާލާފައިވާ އެ ލޯޔަރުގެ ގޮނޑިއެއް މިހާރު ރިޔާސީ ކޮމިޝަނުގައި އެބަހުރި. އޭނާ އަށް މުސާރަ ލިބޭ" ޔާމީން ވިދާޅުވި އެވެ.

ޖުޑްލޯން މައްސަލަ ބެލުމަށް ސިންގަޕޫރަށް ދިޔަ ކަމަށާއި މައްސަލަ ބެލުމަށް ކަނޑައެޅި އެ ލޯޔަރަކީ މިހާރު އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީގެ ކޮންސަލްޓަންޓް ކަމަށް ވެސް ޔާމީން ހެކި ދެއްކަވައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ގްރާންތޯންޓަން ކިޔާ ފޮރެންސިކް އޮޑިޓަރަކަށް ސަރުކާރުން އެއް މިލިޔަން ޑޮލަރު ދީފައިވާ ކަމަށާއި އެ މީހުންނާ ހަވާލުކޮށްގެން މި ސަރުކާރުން މައްސަލަ ބެލި ނަމަވެސް މިހާތަނަށް އެއްވެސް އެއްޗެއް އެނގިފައެއް ނުވާ ކަމަށެވެ. އެމީހުން ފައިސާ ނަގައިގެން މައްސަލަ ދިގު ދަންމަނީ ކަމަށެވެ.

"މައްސަލަ ބަލަންޏާ ކެރިގެން ބަލާބަލަ،" އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު