ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ)، އާއި އެ ޓީމުގެ ހަސަން އަދުހަމް (ސަޑޭ) އަދި ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލް ނިއުރޭޑިއަންޓަށް ބަދަލުވެއްޖެއެވެ.
ރިލޭ މީގެ ކުރިންވެސް ވަނީ ނިއުރޭޑިއަންޓަށް ކުޅެފައެވެ. އޭނާ އެފަހަރު އެ ޓީމުން ދޫކޮށްލީ އަޚްލާގީ މައްސަލަތަކަކާ ހެދި ކަމަށް ބުނެއެވެ. އޭރު ރިލޭ ނިއުރޭޑިއަންޓުން ދޫކޮށްލި އިރު އޭނާ ވަނީ އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ވެލެންސިއާ ދޫކޮށް ފައިސަލް ނިއުރޭޑިއަންޓާ ގުޅުނު އިރު އެޓީމުގެ ގޯލް ބަލަހައްޓަނީ ފައިސަލްއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެފައިވާ ކުރީގެ ގައުމީ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދެވެ. ނަމަވެސް މާލޭ ލީގުގެ ތެރެއިން އިމްރާންގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ލީގުގެ ފަހު ތިން މެޗު ގެއްލިފައެވެ.
މާލޭ ލީގުގެ ދެވަނަ ބުުރު ފަށައިގެން ވިކްޓަރީގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ސަޑޭ އެވެ. އޭނާ ވިކްޓަރީ ދޫކޮށް ނިއުރޭޑިއަންޓަށް ބަދަލުވެފައިވާއިރު އޭނާ އަކީ ވިކްޓަރީ ދޫކޮށް އެހެން ކްލަބަކަށް ދިޔަ ހަ ވަނަ ކުޅުންތެރިއާއެވެ.
ޕްރިމިއާ ލީގަށް ޓީމްތައް ވަރުގަދަ ކުރާއިރު މާލޭ ލީގުން ފުލަށް ދިޔަ ހަތަރު ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ބޮޑެތި ކްލަބް ތަކަށް ބަދަލުވެފައެވެ. އަދި މިނިވަން ޗެމްޕިއަންޝިޕް އިން ޕްރިމިއާ ލީގަށް ކޮލިފައިވި ހަތަރު ޓީމަށް ވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ބަދަލުވެފައެވެ.