ސްޓީލިންގް ޕެރެޑައިޒް ދައްކައިގެން މީޑިއާނެޓަށް ކުރި ބައި މިލިޔަނުގެ ޖޫރިމަނާ ދައްކައިފި

އަލް ޖަޒީރާއިން އާންމުކޮށްފައިވާ "ސްޓީލިންގް ޕެރެޑައިސް" ޑޮކިއުމެންޓްރީގެ މަންޒަރެއް ---

ދިވެހިރާއްޖެއާ ގުޅޭގޮތުން އަލްޖަޒީރާ ދެއްކި ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ ރީބްރޯޑްކާސްޓް ކުރުމުން، ރާއްޖޭގެ ކޭބަލް ޓީވީ ސާވިސް ޕްރޮވައިޑަރ މީޑިއާނެޓުގެ މައްޗަށް ކުރި ބައި މިލިޔަން ރުފިޔާގެ ޖޫރިމަނާ ދައްކައިފިއެވެ.

އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓް ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރުން ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)އިން މީޑިއާނެޓް ބައި މިލިޔަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

މީޑިއާނެޓުން ބައި މިލިޔަން ރުފިޔާގެ ޖޫރިމަނާ ދައްކާފައިވާކަން ބްރޯޑްކޮމްގެ މެމްބަރަކު "ސަން"އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް މީޑިއާނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ.

ނަމަވެސް އެ ބަޔާން މިހާތަނަށް ނެރެފައިވާކަން އެނގިފައެއް ނުވެއެވެ.

ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީގައި ސަރުކާރުގެ އިސް ވެރިންގެ މައްޗަށް ތުހުމަތުތަކެއްކޮށް އެބޭފުޅުން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތަކެއް ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅޭގޮތުން އެ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް