ރަސްފަންނު ސަރަހައްދުގައި 350 ފްލެޓު އަޅަނީ، ސަރުކާރަށް 120 ފްލެޓު ލިބޭނެ

ރަސްފަންނު ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަސްފަންނު ސަރަހައްދުގައި، ހައި-އެންޑް ވޯޓާ ފްރަންޓް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މިކްސްޑް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން އެސަރަހައްދުގައި 350 ފްލެޓު އަޅާނެކަމަށާއި، އޭގެ ތެރެއިން 120 ފްލެޓު ސަރުކާރަށް ލިބޭނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްފަންނު ސަރަހައްދުގައި ހިންގާ މިކްސްޑް ޑިވެލޮޕްމެންޓް މަޝްރޫއާ ގުޅޭގޮތުން، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޗަން ހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ކަމަށެވެ.

ތާޖުއްދީން ސްކޫލުގެ ފަހަތުން އޮންނަ ފުޓްސަލް ދަނޑުން ފެށިގެން، ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓާ ހަމައަށް އޮތް ސަރަހައްދުގައި މި މަޝްރޫއު ކުރިޔަށްދަނީ ހަތަރު އިމާރާތެއްގެ ގޮތުގައެވެ.

ހައުސިންގް މިނިސްޓަރު ވިދާޅުވީ، މި ހަތަރު އިމާރާތުގެ ފުރަތަމަ ހަތަރު ބުރި ބޭނުންކުރާނީ ޕާކިންގް ސްޕޭސްގެ ގޮތުގައި ކަމަށެވެ. އެގޮތުން، 500 ކާރާއި 300 ސައިކަލު ޕާކުކުރުމުގެ ޖާގަ އެތަނުން ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ޑިވެލޮޕްމެންޓްގެ ސަބަބުން މާފަންނު ހުޅަނގުގައި ޕާކިންގް މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ. އެއާ ގުޅިގެން ޓްރެފިކުވެސް ލުއިވެގެން ދާނެ. އިމާރާތެއްގެ ތެރެއިން 500 ކާރާއި 300 ސައިކަލު ޕާކުކުރާ ޖާގަ ލިބުމަކީ އެންމެ ބޮޑު އެއް ލުއި،" މުއިއްޒު ވިދާޅުވިއެވެ.

އެ އިމާރާތްތަކުގައި މަތީ ފެންވަރުގެ 350 ފްލެޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ، އޭގެ ތެރެއިން 120 ޔުނިޓު ސަރުކާރަށް ލިބޭނެ ކަމަށާއި، ސަރުކާރުގެ އެކިއެކި ހައުސިންގް ސްކީމުތަކުގެ ތެރެއިން އެތަންތަން ހެޔޮ އަގުގައި ދޫކުރާނެ ކަމަށެވެ.

ފްލެޓުތަކުގެ އިތުރުން އެތަނުގައި ކޮމާޝަލް ފެސިލިޓީސްއާއި، ރީޓެއިލް އައުޓްލެޓުތަކާއި ކުލިވަރު ކުޅޭނެ ތަންތަންވެސް ބަހައްޓާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ސިންގަޕޫރު ފެންވަރުގެ ތަނެއް މި ހެދެނީ. މިތަނުގެ 40 ޕަސަންޓު ވާނީ ގްރީން، އޯޕަން ސްޕޭސްއަށް. ވަރަށް ރީތި ހިތްގައިމު، އަދި ވަރަށް ބޮޑެތި ފައިދާތަކެއް [ލިބޭނެ ތަނެއް]. އަދި ވަޒީފާގެ ފުރުސަތުތަކެއްވެސް ދިވެހި ޒުވާނުންނަށް ލިބިގެން ދާނެ،" ހައުސިންގް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް