މޫސުން ގޯސްވުމުގެ ސަބަބުން 122 މީހުންގޮވައިގެން ދަތުރުކުރި މިޔަންމާގެ އަސްކަރީ މަތިންދާބޯޓެއް ވަނީ ހުސްވި މަހުގައި ވެއްޓިފަ އެވެ.
ޗައިނާ އިން އުފައްދާފައިވާ މިއަސްކަރީ މަތިންދާބޯޓު އަންދަމަން ކަނޑަން މިދިޔަ މަހުގެ 7ގައި ވެއްޓުމުގެ ހާދިސާ އިން އެއްވެސް މީހަކު ސަލާމަތްވެފައި ނުވެ އެވެ.
މިޔަންމާގެ ސަރުކާރުގެ މީޑިއާ އިން ހަބަރުދޭ ގޮތުގައި ބޯޓު އުދުއްސަންއިން ޕައިލެޓަށް އޭތި ކޮންޓްރޯލް ނުކުރެވުނީ ބޯވިލާގަނޑެއްގެ ތެރެއަށް ދަތުރުކޮށްފައި ވަނުމުގެ ސަބަބުން ބޯޓުގެ ފިޔަތަކުގައި ގަނޑުފެން އުފެދި، އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގެ ކްރޫއިންގެ 14 މެންބަރުންގެ އިތުރުން މިޔަންމާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިންނާއި އަދި އެމީހުންގެ އާއިލާއާއި ގާތްތިމާގެ މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
މިމަތިންދާބޯޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު މުއާސަލާތީ ގުޅުން ކެނޑުނީ ބޯޓު ނައްޓާލިތާ ބައިގަޑިއިރު ފަހުންކަމަށް މިހާދިސާ ތަހްގީގުކުރި މިޔަންމާގެ އޮފިޝަލުން ހާމަކުރެ އެވެ.
އަދި ބްލެކް ބޮކްސް އިން ލިބުނު މައުލޫމާތުގެ އަލީގައި މިހާދިސާ ތަހުގީގުކުރި ފަރާތްތަކުން ވަނީ ބޯޓު ވެއްޓުމުގައި އެއްވެސް މީހެއްގެ އިހުމާލެއް ނެތް ކަމަށް އަދި ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށް ކަށަވަރު ކޮށްދީފަ އެވެ.