މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް، ގްރޫޕްގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ދަރުމަވަންތަ ސްކޫލް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ދަރުމަވަންތަ ސެމީ ފައިނަލަށް ދަތުރުކުރީ ގަލޮޅު މަދަރުސާއައި ދެކޮޅަށް އިއްޔެ ކުޅުނު މެޗް 8-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މެޗު ފަށައިގެން ފުރަތަމަ ދެވަނަ މިނިޓުގައި ގަލޮޅު މަދަރުސާގެ މުހައްމަދު ފަސީހް އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗްގެ 10 ވަނަ މިނިޓުގައި ދަރުމަންތަ އަށް ނަތީޖާ ހަމަމަކޮށްދިނީ އުމަރު މަމްދޫހެވެ. މަމްދޫހް ވަނީ މި މެޗުގައި އިތުރު ތިން ލަނޑު ޖަހައިފަ އެވެ. އަދި ދަރުމަވަންތަގެ އަހުސަން އިބްރާހިމް ވެސް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، އެ ޓީމުގެ ރީހާން އާސިމް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
އައްސަދު އަބްދުލްޣަނީގެ ގުރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަރުމަވަންތަ ދަތުރުކުރި އިރު، އެ ޓީމަށް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ތާވަލުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ހަ ޕޮއިންޓާ އެކު އޮތް އަރަބިއްޔާ އެވެ. ގަލޮޅު މަދަރުސާގެ އިތުރުން ތާވަލުގެ ފުލުގައި އޮތް ކަލާފާން ސްކޫލް ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިމުބާރަތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ 16 އަހަރުން ދަށުގެ ބައިގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އިމްރާން ގްރޫޕްގެ އެއް ވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ދަތުރު ކުރި އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސުކޫލެވެ. އަދި ދެވަނަ ސެމީގައި މާދަމާ ދަރުމަވަންތައާ ދެކޮޅަށް ނުކުންނާނީ އިމްރާންގެ ގުރޫޕްގެ ދެވަނަ ހޯދި މަޖީދިއްޔާ އެވެ.
މިއުމުރު ފުރާގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގަ އެވެ.