އީރާނުގެ ރައީސްގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކޮއްކޯފުޅު ހުސައިން ފަރީދޫން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ތެހެރާން (ޖުލައި 17): އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކޮއްކޯފުޅު ހުސައިން ފަރީދޫން ހައްޔަރުކޮށްފި އެވެ.

ފަރީދޫން ހައްޔަރު ކުރީ އެއްވެސް އިންޓެރެސްޓަކާ ނުލައި ލޯން ނެންގެވުމާއި ބޭންކެއްގެ ޑިރެކްޓަރު ކަމަށް ވަކި މީހަކު އައްޔަން ކުރުމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގަ އެވެ. ރައީސް ރޫހާނީ ވަނީ އެ ޑިރެކްޓަރު މާބޮޑު މުސާރައެއް ނަންގަވާތީ އޭނާ ވަޒީފާ އިން ވަކި ކުރައްވައިފަ އެވެ.

އީރާންގެ ޑެޕިއުޓީ ޖުޑިޝަރީ ޗީފް ގުލާމް ހުސެއިން މުހުސީނީ އީޖީ ވިދާޅުވި ގޮތުގައި ފަރީދޫންއާ ބެހޭ ގޮތުން ގިނަ އަދަދެއްގެ ތަހުގީގުތައްކޮށްފައިވެ އެވެ. އަދި އެމައްސަލަތަކުގައި އިތުރު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި ފަރީދޫން ވެސް ކަފާލާތުގެ ފައިސާ ދެއްކުމުން މިނިވަން ކުރާނެ ކަމަށް އީޖީ ވިދާޅުވި އެވެ.

ފަރީދޫން އަކީ މިދިޔަ މޭ މަހު އީރާނުގެ ލީޑަރު ކަމަށް ދެ ވަނަ ފަހަރަށް އިންތިހާބުވި ރޫހާނީގެ އިސް މުޝީރެކެވެ. އަދި އޭނާ ވަނީ އީރާނާ ހުޅަނގުގެ ގައުމުތަކާ މެދު ހެދި ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އޭގެ ސަބަބުން ގައުމުގެ ޖުޑިޝަރީ ކޮންޓްރޯލް ކުރާ އިދިކޮޅު ފަރާތްތަކުން ވަނީ ރުޅިގަދަ ވެފަ އެވެ.

މީގެ އިތުރުން ފަރީދޫން ވަނީ މެލޭޝިއާގައި ހުންނަވާ އީރާނުގެ ސަފީރުގެ މަގާމު ވެސް އަދާ ކުރައްވައި އދ.ގައި އީރާން ތަމްސީލު ކުރާ ޑެލިގޭޝަނުގައި މީގެ ކުރިން ބައިވެރިވެވަޑައިގެންފަ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް