އިމަޖެންސީ ހާލަތްތަކުގައި މަސައްކަތްކުރާނެ ސިޔާސަތެއް ސަރުކާރުގެ ނެތް: އެޗްއާރުސީއެމް

ދިމާވާ އިމަޖެންސީ ހާލަތްތަކުގައި މަސައްކަތްކުރާނެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ]އެޗްއާރްސީއެމް[ އިން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމުން އެކޮމިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ ރާއްޖޭގައި ޑެންގީ ހުން ފެތުރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާއި އެކަން އެހެންވީ ސިޔާސަތެއް ނެތުމުން ކަމަށެވެ. އަދި އިމަޖެންސީ ހާލަތުގައި މަސައްކަތް ކުރެވޭ ގޮތަށް ކަންތައްތައް އިންތިޒާމް ވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސަތުތަކުގެ ގޮތުން މިކަހަލަ އިމަޖެންސީ ކަންތައްތަކުގައި އަމަލު ކުރާނެ ގޮތްތައް ކުރިއާލާ އެކަށައަޅުއްވާފައި ނެތްކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުން،" އަޒްރާ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ނޭދެވޭ އަސަރުތައް ކުރި ކަމަށެވެ.

އެކި އެކި ހައްގުތައް ނުލިބިގެން މި އަހަރު ކޮމިޝަނަށް ޖުމްލަ 359 މައްސަލަ ހުށައަޅާފައިވާ އިރު ރަނގަޅު ފެންވަރެއްގެ ސިއްހީ ޚިދުމަތް ނުލިބިގެން މި އަހަރު 31 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ކޮމިޝަނުން މިއަދު ބުންޏެވެ.

އެގޮތުން ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އެކަށީގެންވާ ވަސީލަތްތަކާއި މުވައްޒަފުން ނެތިގެން ހުށައަޅާފައިވާ މައްސަލަތަކާއި އެފަދަ މަރުކަޒުތަކުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބިގެން ހުށައަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ކުއްލި ގޮތަކަށް ފޯރުކޮށްދޭން ޖެހޭ ފަރުވާ ފޯރުކޮށް ނުދީގެން ހުށައަޅާފައިވާ މައްސަލަތަކާއި ފަރުވާ ލިބުން ލަސްވުމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު