ހިމާޔަތެއް ނެތިފައި

17 ޖުލައި 2011 އާ ގުޅޭ

ލައިބާ ބުނާނެ އެއްޗެއް ނޭގިފައި ފާރުބުރި މަތީގައި އިން އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރީއެވެ. ދެވަނަ ފަހަރަށް އެއަންހެން ކުއްޖާ ހިނިތުންވެލިއެވެ. އަދި އޭނަގެ އަތުގައި އޮތް އަސުރުމާ ދިއްކޮއްލިއެވެ. އެވަގުތު ލައިބާގެ ނޭފަތުގައި އެމަލުގެ މީރުވަސް ޖެހުނެވެ. އެކަމަކު އަދިވެސް ލައިބާއަށް ބެލެނީ އެއަންހެން ކުއްޖާގެ މޫނަށެވެ. އަދި މަޑުމަޑުން އޭނަގެ މޫނުގެ ކޯތާފަތުގައި އަތްލެވުނެވެ.
"ލައިބާ..." މިއުޒިކީ ހިތްގައިމު އަޑަކުން ލައިބާއަށް އެއަންހެން ކުއްޖާ ގޮވާލިއެވެ.
އެއީ ކޮންކަހަލަ ޖާދުވީ އަޑެއްހެއްޔެވެ. ލައިބާގެ މުޅި ހަށިގަނޑަށް އެއަޑުއިވުނު ފަދައެވެ. މުޅި ހަށިގަނޑަށް އެއަޑުގެ ހިތްގައިމުކަން ފެތުރިގެން ދިޔަކަން އިޙްސާސްކުރެވުނެވެ. ލައިބާ އެއްއަތުން އިލޮށިފަތި ހިފަހައްޓާލައިގެން ހުރެ އަނެއްއަތް ކުރިއަށް ދިއްކޮއްލީ އެއީ އޭނާއަށް ހީވާ ހީވުމެއްތޯ ޔަގީން ކުރުމަށެވެ. އެވަގުތު ފާރުބުރި މަތީ އިން އަންހެން ކުއްޖާވެސް އަތްދިއްކޮއްލިއެވެ. ލައިބާގެ އިނގިލިތަކުގެ ކޮޅު ގޮސް އެއަންހެން ކުއްޖާގެ އަތުގެ އިނގިލި ތަކުގައި ޖެހުމާއިއެކު ލައިބާ ސިހިފައި އަތް ދުރަށް ލިއެވެ. އެއާއިއެކު އަނެއްކާވެސް އެއަންހެން ކުއްޖާ ހޭންފެށިއެވެ.
"ކީއްވެތަ ލައި ހުންނަ ގޮތަށް ތިހުންނަނީ؟" ލައިބާ މަޑުމަޑުން ސިއްރެއް ބުނާހެން އަހާލިއެވެ.
"ހެ ހެ ހެ...ހީކުރޭ މީ ލައިބާގެ ދައްތައޭ،" އެއަންހެން ކުއްޖާ ފާރުމަތީގައި އިނދެ ވާހަކަދެއްކި އެވެ.
"ލައިގެ ޓުވިންސެއް ހުރޭތަ؟ މަންމަ ނުބުނޭ އެވާހަކައެއް، ލައި އާއި ދޮންބެއާއި އެކަނި މިގޭގަ އުޅެނީ" ލައިބާ ދެއަތުން އިލޮށިފަތީގައި ހިފަހައްޓާލަމުން ވިސްނާލިއެވެ.
"މަންމަ ދޮގުވެސް ހަދާފާނެއެއްނު ލައިބާއަށް، އަހަރެން ލައިބާއަށް ހެޔޮއެދެން، ލައިބާދެކެ ލޯބިވޭ، އެކަމަކު އަހަންނަށް މިގޭތެރެއަށް ވަނުމުގެ ހުއްދައެއް ނޯވޭ، އަހަރެން ދުރު ދުރުން ލައިބާގެ ހާލު ބަލަން، އިސްކޫލަށް ދާތަންވެސް ދެކެން، ލައިބާ ބަލިވިކަންވެސް އެނގޭ..." އެއަންހެން ކުއްޖާ ކުއްލިއަކަށް ފެނުނީ ލައިބާގެ ކައިރީގައި ހުއްޓައެވެ.
"މަންމަ ކީއްވެ ލައި ގާތު ނުބުނީ އެވާހަކަ، މަންމަ ދޯ ބުނީ މިގެއަށް ނުވަންނާށޭ، ކޮންނަމެއް ކިޔަނީ، ލައި ހިތަށް އަރާ ލައިގެ ދައްތައެއް ހުންނަނަމައޭ، މަންމައަށް ފެނިއްޖެއްޔާ ނޭގޭނެ އަހަރުމެން ދެމީހުންގެ ތެރެއިން އަސްލު ލައިއަކީ ކޮބާކަމެއް" ކުޑަކޮށް ހިނިތުންވެލަމުން ލައިބާ ބުނެލިއެވެ.
ލައިބާގެ ކައިރީގައި ހުރި އަންހެން ކުއްޖާ ހުރީ ލައިބާގެ ސިފައިގައެވެ. އެއްވެސް ތަފާތެއްނެތެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިތިލައިގެ އިނގިލިތަކާއި ހަމައަށް އެއްވެސް ތަފާތެއްނެތެވެ. ލައިބާއަށް އެއީ އޭނަގެ އާއިލާ ކުއްޖެއްހެން އިހްސާސް ކުރެވުނީ އެހެންވެއެވެ. ފުރަތަމަ ތަފާތު ގޮތެއްހެން ހީވިއެއްކަމަކު އެއަންހެން ކުއްޖާގެ ވާހަކަތަކުން ދުރުމީހެއްހެން ހިއެއްނުވިއެވެ.
"ލުބާ، ލުބާ ކިޔަނީ، ލައިބާގެ ނަމާ ގުޅޭގޮތަށް، ހިނގާ އަހަރެން ލައިބާއަށް އެހީވެދޭނަން ކުނިކަހަން" ލުބާ ލައިބާގެ އަތުގައި ހިފާލަމުން ގޭތެރޭގެ މަގުމައްޗާވީ ފަރާތަށް ހިނގައިގަތެވެ.
ލައިބާގެ ހިތަށް ނޭގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ކީއްވެކަމެއް އޭނައަކަށް ނޭގުނެވެ. މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ލައިބާގެ ހަޔާތުގައި މަދުވެފައިވާ ރަޙުމަތްތެރިއެއްގެ މަގާމު ލުބާ ފުރާދިންހެން އޭނައަށް ހީވިއެވެ. އޭނަ ލުބާ އާއި އެކި އެކި ސުވާލުތައް ކުރިއެވެ. އޭނަ އުޅެނީ ކޮންގެއަކު ތޯއާއި މިހާ ދުވަސްވަންދެން އޭނަ ގެންގުޅުނީ ކޮންބައެއްތޯއެވެ. އަދި ލައިބާގެ ހަބަރު އެނގުނީ ކިހިނެތްކަމެވެ. ލުބާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ލައިބާއަށް ގަބޫލުކުރެވުނެވެ. ލައިބާއަށްވުރެ ލުބާ ކުނިކަހަން މާކުޅަދާނައެވެ. ލައިބާ އުނދޯލީގައި ބަލަން އިންދާ ލުބާ މުޅި ގޯތިތެރެ އެއްކޮށް ކުނިކަހާ ނިންމާލައިފިއެވެ. އޭރު ލައިބާ އިނީ ލުބާ އޭނައަށް ދިން އަސުރުމަލާ ކުޅެންށެވެ. އިރުއިރުކޮޅާ އޭގެން ވަސްބަލާލައެވެ.
ލުބާ ގޭތެރެއަށް ވެއްދުމަށް ލައިބާ އުޅުނެވެ. އެކަމަކު އެކަމަށް އޭނަ އުޒުރުވެރިވިއެވެ. އަޒުރާއަށް ފެނިއްޖެއްޔާ ކަންތައްތައް ވަރަށް ގޯސްވާނެކަމުގައި ބުންޏެވެ. އަދި އެކަކު ކައިރީވެސް ލުބާ މިގެއަށް އަންނަ ވާހަކަ ނުބުނުމަށް ލައިބާގެ ގާތުން ވައުދުކުރުވިއެވެ. ލައިބާ ގާތު އިރުއޮއްސޭ ވަގުތު މިއަދުވެސް އަޒުރާ ބޭރަށް ދާނެވާހަކަ ބުންޏެވެ. އަދި އެގަޑީގައި ލުބާ އަލުން އަންނާނަން ކަމުގައި ބުންޏެވެ. އެއީ ލައިބާ އާއިއެކު އުނދޯލި ހެއްލާލުމަށެވެ. ލައިބާ ހިނިތުންވެލަމުން ގޭތެރެއަށް ވަނީ ލުބާ އެގޭން ނުކުތުމަށް ހިނގައިގަތުމުންނެވެ. އޭނަ ހުރީ ވަރަށް އުފާވެފައެވެ. ޔަޒާންގެ ވަކިތަކުން ޒަހަމްވެފައިވާ ޒަހަމްތަކުގައި ލުބާ އައިސް މަލަން އަޅާދިންފަދައެވެ. ލައިބާ ގެތޭރެއަށްވަދެގެން ގޮސް އޭނަގެ ކޮޓަރިއަށްވަނެއެވެ. އަދި އިރުއޮއްސެން ވާއިރަށް ފެންވަރާ ރީތިވެލަން އޭނަ ބޭނުންވިއެވެ. އޭނައަށް ލިބުނު އައު ރަޙުމަތްތެރިޔާ އަދި ޢާއިލީ މެމްބަރާއި ބައްދަލު ކުރުމަށެވެ.
މަސްދުވަހަށްވުރެ ގިނަދުވަސް ހޭދަވެގެން ދިޔައިރު ޔަޒާންގެ ވަކިތަކަށް ލައިބާއަކަށް ކެތެއްނުކުރެވުނެވެ. ހަށިގަނޑުގައި އަބަދުވެސް ނުފިލާ ރިހުމެއް ހުރެއެވެ. ލައިބާއަށް މުޅިން އާކަމެއް މެދުވެރިވިއެވެ. އެއްވެސް ބާރަކާއި ނުލާ ހިފެހެއްޓުމެއްނެތި ކުޑަކަމުދެވުމެވެ. އެއްދުވަހު އިސްކޫލުގައި ހުއްޓައިވެސް ކުޑަކަމުދެވުނެވެ. އެކަމުގެ ސަބަބުން ކުލާސް ޓީޗަރުގެ ސުވާލުތައް އަނެއްކާވެސް ގިނަވިއެވެ. އަނެއްކޮޅުން އެދުވަހު ގަތްވަރުގެ ލަދެއް ލައިބާ ދުވަހަކުވެސް ނުގަނެއެވެ. އެދުވަހަށް ފަހު ދެން ސްކޫލަށް ނުދާންވެސް ލައިބާ ނިންމިއެވެ. ކުލާސް ކުދިންވެސް ދިމާކޮއް ހަދާތީއެވެ. އޭގެފަހުންވެސް ލައިބާ ތިން ހަތަރު ދުވަހު އެމައްސަލަ ޖެހުނެވެ. އަނެއްކޮޅުން ބޮޑު ކަމުދިއުމުގައިވެސް އެއްވެސް ހިފެހެއްޓުމެއްނެތްތަނުގައި ލައިބާއަށް އެވަގުތުތަކުގައި ތަޙައްމަލު ކުރަންޖެހޭ ވޭނުގެ ސަބަބުން ކަރުނައަޅައެވެ. އެހާލު ލައިބާ އެކަމުގެ ހައްލަކަށް އެދި އަޒުރާގެ ގާތަށް ދިޔައެވެ. އޭރު ސްކޫލުންވެސް ލައިބާގެ ބެލެނިވެރިޔާ އާއި ބައްދަލުކުރަންވަނީ ނިންމާފައެވެ.
"މަންމާ، ވާހަކައެއް ބުންނަތަ"ތެލި ދޮންނަން ބަދިގެ ބޭރުގައި ހުންނަ ސިންކު ދޮށުގައި ހުރި އަޒުރާގެ ހުއްދައަކަށް ލައިބާ އެދުނު ކަހަލައެވެ.
"ހޫމް ބުނެބަލަ!" އަޒުރާ އޭނަ ކުރަންހުރި މަސައްކަތް ކުރަމުން ލައިބާއަށް ބަލާލުމެއްނެތި ބުނެލިއެވެ.
"މަންމާ، ލައިގެ ވަރަށް ތަދުވޭ... އަޅެ މަންމާ ލައި ޑޮކްޓަރަށް ގެންދެބަލަ" ލައިބާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ސާބަސް ލައިބާއަށް، ކަލޭ މިހާރު ބޮޑުވެގެންގޮސް... އެހެންނޫނަސް ގިނައިން ފެންބޮންޏާ އަވަސް އަވަހަށް ހީސްލަވާނެއެއްނު، ތީކީ ޑޮކްޓަރަށް ދާވަރުގެ ކަމެއްނޫން... މަށަށް ދައްކާނެ ކަމެއްނެތް" އަޒުރާ ދޮވުނު ތެލި ހިފައިގެން ބަދިގެ ތެރެއަށްވަނެވެ.
"މަންމާ ޕްލީޒް، ލައި ދޮގެއް ނުހަދަމޭ، ލައިއަށް ތަދުވަނީއޭ، ޕްލީޒް މަންމާ، އަޅެ ޕްލީޒް މަންމާ، ލައި އެއްފަހަރުވެސް ޑޮކްޓަރަކަށް ދައްކަދީބާލަ، އޭރުން އެނގޭނެ މިހަދަނީ ދޮގެއްނޫންކަން، ލައި ކީއްކުރަންތަ ދޮގު ހަދަންވީ، އަޅެ މަންމާ..." ލައިބާއަށް ރޮވެން ފެށުނެވެ. ގިސްލަ ގިސްލާފައި ބާރަށް ލައިބާއަށް ރޮވިއްޖެއެވެ. ކުރިމަތިލާ ވޭނުންފުރިގެންވި ބިރުވެރިކަން އަޒުރާއަށް އަންގާދޭން އޭނަ ހަދާނީ ކިހިނެތްބާއޭ ހިތަށް އަރަމުން ދިޔައެވެ.
"ކޮންކަމަކާ މިހާރު ތި ރޮނީ، މި ކުއްޖާ އާއި ހެދި ބޯހަލާކު ވާވަރުވޭ، މީނަނޫނަސް މިގޭގަ މަގޭ ދަރިއެއް އެބައުޅޭ، ތިހާ ޝަކުވާބޮޑުވެގެންނެއް ނޫޅޭ، މިވެނިކަމެއް ކޮއްދީ، އެވެނި ކަމެއް ކޮއްދީ ކިޔަ ކިޔާފައެއް އޭނައެއް ނޫޅޭ.... ލައިބާވެސް ނިކަން އެހެން އުޅެބަލަ" އަޒުރާ ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުނަމުންދިޔައެވެ.
"ދޮންބެ ލައިއަށް ތަދުކުރަނީއޭ، ދޮންބެ ލައިގެ ގައިގަ އަތްލާތިއޭ ތަދުވަނީ..." ރޮމުން ރޮމުން ލައިބާ ބުނެލިއެވެ.
"ލައިބާ..." އަޒުރާ ހަޅޭލަވައިގަންނަމުން އަތުގައި އެވަގުތުއޮތް ދެޔޮފަތުން ލައިބާގެ ކޮނޑުގައި ޖެހިއެވެ.
ކުރިއަށްވުރެ ބާރަށް ލައިބާ ރޯންފެށިއެވެ. އަޒުރާ ޖެހިތަނުގައި އަތްއަޅައިގެން ހުރެއެވެ. އަޒުރާ ލައިބާގެ ގައިގަ ތިން ހަތަރުތަނެއްގައި ދެޔޮފަތުން ބޮނޑިއެއް އަޅަމުން ހަޅޭލެވިއެވެ. ޔަޒާންގެ ބޮލުގައި އެފަދަ ތުހުމަތެއް އަޅުވަނީ އަޒުރާގެ ސަމާލުކަން ލިބޭނެކަމަށްތޯ ސުވާލުކުރިއެވެ. އަޒުރާ ލައިބާގެ ކޮނޑުގައި ހިފާ ބަދިގެއިން ބޭރަށް ކޮއްޕާލިއެވެ.
"ހަމަ މިހާރު މަގޭ ލޯމަތިން ކަލޭ ދުރަށް ދޭ، ޔަޒާންއަކީވެސް މަގޭ ދަރިއެކޭ، އޭނައޭ ކިޔައިގެން ކަލެއަށް ތިކިޔޭ އެއްޗެއް އެނގޭތަ" އަޒުރާ ބަދިގެ ދޮރުމަތީގައި ހުރެ އެއްޗެހި ކިޔަމުން ދިޔައިރު އޭނަގެ މޫނުވަނީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ލައިބާ ރޮމުން ރޮމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.
ލައިބާއަށް ގޮތްހުސްވީއެވެ. ހުރިހާ ވާހަކައެއް ބުނަން މަސައްކަތް ކުރުމުން ލައިބާ ވަރުގެ ގޯސް މީހަކު މިހާރު ނެތެވެ. އަޒުރާ ކުރިއަށްވުރެވެސް ބޮޑަށް ލައިބާދެކެ ފޫހިވެއްޖެއެވެ. އޭނަ ފެންނަ ހިސާބަށްވެސް ލައިބާ އައުން އޭނަ ނޭދެއެވެ. އަނެއްކޮޅުން އޭނަގެ ހިތްބިރުގަތީ އޭނަގެ އަތުން ޔަޒާން ގެއްލިދާނެތީއެވެ. އެހެންވާކަށް އޭނަ ބޭނުމެއްނޫނެވެ.
)ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު