ގާސިމް އިބްރާހީމްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް --- ސަން ފައިލް ފޮޓޯ

ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ވަކީލުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް މިރޭ 7:00 އަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ވަނީ ތާވަލްކޮށްފައެވެ.

ގާސިމާއި އޭނާގެ ވަކީލުން ކޯޓަށް ހާޒިރުވިއިރު، ދައުލަތުގެ ވަކީލުން މިރޭ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. މައްސަލަ ބާތިލްކުރީ ދައުލަތުގެ ވަކީލުން ޝަރީއަތަށް ހާޒިރުވޭތޯ ދޮޅު ގަޑިއެއްހާއިރު އިންތިޒާރުކުރުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާއިރު، ހާޒިރުވެވަޑައިނުގަތް ސަބަބެއް ޕީޖީ އޮފީހުން އަންގާފައި ނުވާ ކަމަށެވެ.

"ތިން ދައުވާ ފޯމު ވެސް ކޯޓުން މިރޭ މި ބާތިލްކުރީ. އަޅުގަނޑުމެން މިރޭގެ ވަގުތެއްގައި އެ ތިން ދައުވާ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާނަން،" ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވަމުން ގެންދެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ރިޔާސަތުގައި އިންނަވާއިރު، ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އާދަމް އާރިފާއި ގާޒީ އަހުމަދު ޝަކީލެވެ.

comment ކޮމެންޓް