އިންޑިއާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލުން ހަތަރުވަނަ ހޯދައިފިއެވެ.
މިރޭ ކުރިއަށްދިޔަ ފައިނަލުގައި ސާއިދަށް ހަތަރުވަނަ ލިބުނީ 10:37 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ރާއްޖޭގެ އެތްލީޓަކު ބައިނަލް އަގުވާމީ މައިދާނުގައި ކުޅިވަރުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
އެ މުބާރާތުގެ ސެމީ ފައިނަލްގައި ސާއިދު ވަނީ 10.40 ރޭސް ނިންމައިގެން ތިން ވަނަ ހޯދާފައެވެ.
ސާއިދު ވާދަކުރި ސެމީ ފައިނަލް ހީޓުގެ އެއްވަނަ ލިބުނީ ގަތަރުގެ ފެމީ އަށެވެ. އޭނާ ރޭސް ނިންމީ 10.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ލިބުނީ ހޮންކޮންގް ހައި ޔަންގް އެވެ.
އިއްޔެ ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ހީޓް ހައެއްގައި ދެ ވަނަ ހޯދި ޖަޕާނުގެ ޓަކުމީ ކުކީ 10.53 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި މެލޭޝިއާގެ ޖޮނަތަން އަނަކް ވެސް ރޭސް ނިންމީ 10.53 ސިކުންތުންނެވެ. އެ ހީޓުގެ ހަތަރު ވަނަ ހޯދީ 11.63 ސިކުންތުން ރޭސް ނިންމި އަފްޣާނިސްތާނުގެ ޒާހިރީ އަބްދުލް ވައްހާބެވެ. ހަތް ދުވުންތެރިން ވާދަކުރަން އޮތް އެ ހީޓުގައި ދެ ދުވުންތެރިން ވާދަކޮށްފައި ނުވާއިރު، ކަޒަކިސްތާނުގެ ދުވުންތެރިއެއް ވަނީ ޑިސްކޮލިފައިވެފަ އެވެ.
ރާއްޖޭގެ ސާއިދަކީ ސަރަހައްދީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ އެތުލީޓެކެވެ. ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް އޮތީ ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ސާއިދު އަތުގައެވެ.
މިރޭ ފައިނަލްގައި ހޯދި ނަތީޖާއާއެކު ސާއިދު އަށް އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއާގެ މަގާމް ލިބުނު އިރު އޭނާ ވެގެން ގޮސްފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ބާރު ދުވުން ތެރިއާއަށެވެ.