މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އަފާ އިސްމާއިލް، އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން އަށް ވަނަ ހޯދައިފިއެވެ.
މިއަދު އަފާ އެ ރޭހުގެ ސެމީ ފައިނަލުގައިި ދުވި އިރު އޭނާ އަށް 8 ވަނަ ލިބުނީ 12.79 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އިންޑިއާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ދުވުމުގެ ހީޓް ތިނަކުން އަފާ ސެމީ ފައިނަލަށް ދިޔައީ ތިން ވަނައަށް ރޭސް ނިންމައިގެންނެވެ.
ހީޓް ތިނެއްގެ އެއް ވަނަ ހޯދީ 11.40 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ޑުޓީ ޗާންދެވެ. ދެވަނަ ހޯދި ކަޒަކިސްތާނުގެ އޮލްގާ ސަފްރޮނޯވާ 11.55 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި ރާއްޖޭގެ އަފާ ރޭސް ނިންމީ 12.80 ސިކުންތުންނެވެ. ހީޓްގެ ހަތަރު ވަނަ ހޯދީ 13.02 ސިކުންތުން ރޭސް ނިންމި ސްރޭފޭޕް ޑޫއޯންގެވެ. ހަ ކުޅުންތެރިން ދުވަން އޮތް އެ ހީޓުގައި އެއް ދުވުންތެރިޔަކު ވާދަކޮށްފައިނުވާއިރު، ޗައިނާގެ ފެންގް ލޫލޫ ވަނީ ޑިސްކޮލިފައިވެފައެވެ.
އަފާއަކީ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ. އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ގޭމްސްގައި ރާއްޖޭން ވާދަކުރި އެތުލެޓިކްސް ޓީމުގައި ވެސް ހިމެނިފައެވެ.
އެ އިވެންޓުގެ ހީޓް ހަތަރެއްގައި ވެސް ރާއްޖޭގެ ދުވުންތެރިޔަކު ވާދަކުރި އެވެ. ރާއްޖޭގެ ނަޝާ ނިޒާރަށް ސެމީ ފައިނަލުން ޖާގަ ނުލިބުނީ ފަސްވަނާގައި ނިންމުމުންނެވެ. އޭނާ 13.12 ސިކުންތުން ރޭސް ނިންމިއިރު، އެ ހީޓުގެ އެއްވަނަ ހޯދީ 11.88 ސިކުންތުން ރޭސް ނިންމި ސީޓީ ފާތިމާއެވެ.
އަފާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓް ހަސަން ސާއިދު ވެސް ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ސާއިދު ދުވި ހީޓުން އޭނާ ވަނީ އެއްވަނަ ހޯދައިފައެވެ.