ޓްރަމްޕާއި ޕުޓިން ދެގައުމުގެ ގުޅުން ބަދަހިކުރަން ވާހަކަ ދައްކަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލެޑްމިއާ ޕުޓިން ސަލާމް ކުރައްވަނީ --- ފޮޓޯ: ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލެޑްމިއާ ޕުޓިން ބައްދަލުކުރައްވައި ދެގައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

މިވަގުތު ޖަރުމަނުވިލާތުގެ ހެމްބާގްގައި ކުރިޔަށްދާ ޖީ20 ސަމިޓްގައި ބައިވެރިވުމަށް އެގައުމަށް ވަޑައިގެން އުޅުއްވާ މިދެބޭފުޅުން ބައްދަލުވީ އެ ސަމިޓްގެ ސެޝަނެއްގެ ތެރެއިންނެވެ.

މީގެއިތުރުން މިދެބޭފުޅުން ވަކިން ބައްދަލުކޮށް ދެގައުމުގެ ދެމެދުގައި ހުރި ހަމަނުޖެހުން ތަކަށް އަލިއަޅުވާލައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހެމްބާގުގައި ކުރިޔަށްދިޔަ މުޒާހަރާގައި ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިން --- ފޮޓޯ: ބީބީސީ

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވިކަމަށް ރަޝިޔާގެ މައްޗަށް ތުހުމަތު ތަކެއް ކުރެވޭ ދަނޑިވަޅެއްގައި މިދެގައުމުގެ ލީޑަރުން އެކަންކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޔަފާރީގެ ގުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ވާހަކަފުޅުދެއްެކެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިވަގުތު ހެމްބާގްގައި ޖީ20 ސަމިޓްގެ ބައްދަލުވުންތަކެއް ކުރިޔަށްދާއިރު އެ ސިޓީގެ މަގުމައްޗަށް މުޒާހަރާކުރުމަށް އެތައްބަޔަކު ދަނީ ޖަމާވަމުންނެވެ.

މި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ކުރިމަތިލުން ތަކެއް ހިނގާފައިވާއިރު މިހާތަނަށް 76 ފުލުހުންނަށް އަނިޔާވަނީވައެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މުޒާހަރާ ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ދާދިފަހުން ބޭއްވި ޕެރިސް ކްލައިމެޓް އެކޯޑުން އެމެރިކާ ނިކުތުމުގެ އިތުރުން ގްލޯބަލް ކެޕިޓަލިސްޓް މޫވްމަންޓާ ވެސް މުޒާހަރާގެ ބައިވެރިން ދެކޮޅެވެ.

comment ކޮމެންޓް