މާލެ ސަރަހައްދުގައި އުފެދޭ ކުނި ނައްތާލުމަށް ތިލަފުށީގައި 20 ޓަނުގެ އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް 37 މިލިއަން ރުފިޔާ އަށް ސްރީލަންކާގެ އެސްއޭޑަބްލިއު އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ތޯރިގް އެވެ. އަދި އެސްއޭ ޑަބްލިއު އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އޭޕީ ޖަޔަރަތްނާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސޮއި ކުރާތާ ފަސް މަސް ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެންވާރަމަންޓް މިނިސްޓްރީ އިން ބުނި ގޮތުގައި އެ މަސައްކަތް ކުރުމުގައި މާލެ ހިމެނޭ ސަރަހައްދުގައި ކުނިމެނޭޖް ކުރުމުގެ ނިޒާމެއް ޕްލޭނުކޮށް ގާއިމްކުރުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި ނަމަވެސް އެ އިންސިނިރޭޓަރު ބެހެއްޓުމުން ކޮންމެ ވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށެވެ.
ތިލަފުށީގައި މިހާރު ވެސް ކުނި ނައްތާލަނީ ރައްކާތެރި ގޮތަކަށް ނޫން ކަމަށާއި އެކަން ހައްލުކުރުމަށް އެ ރަށުގައި ބަހައްޓާ 20 ޓަނުގެ އިންސިނޭޓަރުން އެހީތެރިވެދޭނެ ކަމަށް ވެސް އެ މިނިސްޓްރީން އިން ބުންޏެވެ.
މިނިސްޓަރު ވިދާޅުވި ގޮތައި އިންސިއަނޭޓަރު ބެހެއްޓުމުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އެހެންކަމުން އިންސިއަނޭޓަރު ބެހެއްޓުމުގެ ކުރިން ތިލަފުށިން އެކަމަށް ހާއްސަކޮށް ބިން ހިއްކުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޒޯން ތިނެއްގެ ދަށުން މިހާރު ވެސް ދަނީ މާލޭ ސަރަޙައްދާއި މި ރީޖަންގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކާއި ޞިނާޢީ ރައްތައް ހިމެނޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއަށް ދަނީ 126 މިލިއަން ޔޫއެސްޑޮލަރު ހަރަދު ކުރަމުންނެވެ. އަންނަ އަހަރު އެ މަސައްކަތް ނިމިގެންދާ އިރު މާލެ އާއި މާލެ ކައިރި ރަށްތަކާއި އަދި ރިސޯޓްތަކަށް ކުނި އެންދުމުގެ ސަބަބުން މިހާރު ދިމާވަމުން އަންނަ ދުމުގެ މައްސަލައަށް އެކީ ހައްލު އަންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.