ޔަމަނުގެ 21 ސަހަރުގައި ބާރު ސްޕީޑެއްގައި ކޮލެރާ ފެތުރެމުންދާ ކަމަށާއި އަދި މިހާ ތަނަށް 270،000 އަށް ވުރެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވާ އިރު 1،600 އަށް ވުރެ ގިނަ މީހުން މިބަލީގައި މިހާތަނަށް މަރުވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް އިން ހާމަކޮށްފިއެވެ.
ޔޫއެންގެ ސްޕޯކްސްޕާސަން ސްޓިފޭން ޑުހަރިކް ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި އެފަރާތްތަކާއި ގުޅުންހުރި ފަރާތްތަކަށް 400 ޓަނުގެ ބޭސްފަރުވާގެ ސާމާނު ލިބިފައިވާ ކަމަށާއި އަދި މީގެ ތެރޭގައި 30 އެމްބިއުލަންސާއި 10،000 މީހުންނަށް ފަރުވާ ދޭނެ މެޑިކަލް ކިޓް ހިމެނެއެވެ. މިތަކެތި ފޯރުކޮށްދެވިފައިވަނީ ޔަމަނުގެ ދެ އަވަށް ކަމަށްވާ އަދާން އަދި ހުދައިދާއަށެވެ.
ޑުހަރިކް އިއްޔެ ރިޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި ގުޅުން ހުރި ފަރާތްތަކުން ޔަމަނުގެ 600 ތަނެއްގައި ކޮލެރާއަށް ފަރުވާ ދިނުމަށްޓަކައި މީހުން ބައިތިއްބަން 2،350 އެނދުގެ އިންތިޒާމު ކުރާނެކަމަށެވެ.
ޔަމަނުގައި ކޮލެރާ ފެތުރެން ފެށީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދި އެއަށްފަހު މިއަހަރުގެ މާޗު މަހުގެ މެދާއި ހިސާބުގައި މިބަލި ފެތުރުން ކޮންމެސްވަރަކަށް ކޮންޓްރޯލް ވެގެން ގޮސްފައިވި ނަމަވެސް އެޕްރީލް މަހުގެ ތެރޭގައި އަލުން މިބަލި ބާރު ސްޕީޑެއްގައި ފެތުރެންވަނީ ފަށާފައެވެ.
މިބައްޔަށް ފަރުވާ ދިނުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް ސައުދީ ސަރުކާރާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ފާއިތުވި ދެއަހަރު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި ބޭހުގެ ސަޕްލައި ލިބުމުގެ ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.