މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމް، ކްލަބް ޓީނޭޖަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދީ ރޭ ކުޅުނު ފައިނަލުގައި އޮޔެހާ ސްޕޯޓްސް ކްލަބާ ވާދަކޮށް އެ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، 1438 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ފަހުރުވެރި ޗެމްޕިއަން އަދި އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވި ކަމަށެވެ.
މި އަހަރުގެ ބައިބަލާ މުބާރާތުގައި ޖުމުލަ 39 ޓީމް ބައިވެރިވެފައިވާއިރު ފާއިތުވެ ދިޔަ ދެ އަހަރާ އަޅާބަލާއިރު މި އަހަރަކީ އެންމެ މަދުން ޓީމްތައް ބައިވެރިވި އަހަރެވެ. އެގޮތުން އެންމެ ފަހުން އެ މުބާރާތް ބޭއްވިއިރު ޖުމުލަ 42 ޓީމް ބައިވެރިވެފައިވާއިރު އޭގެ ކުރީ ފަހަރު 54 ޓީމް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓީނޭޖްގެ ހުސައިން ރަޝީދު ހޮވުނުއިރު، މިސްޓަރު ބައިބަލާއަކަށް ހޮވުނީ މިދިޔަ އަހަރު ވެސް އެ މަގާމަށް ހޮވުނު އޮޔެހާގެ އަސްލަމް ވަހީދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޓީނޭޖްގެ ހުސައިން ރަޝީދާއި، އެޓީމުގެ އަހްމަދު މުހައްމަދާއި، އޮޔެހާގެ އަބްދުﷲ ޝާފިއުއާއި، ކްލަބު ޒެފްރޯލްގެ އިބްރާހިމް ޝަދޫން އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އަފްޝީން ހާޝިމެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޓީނޭޖްގެ ކޯޗް ފަޒްލަތު އިބްރާހީމް ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕަންކް ދި ނެކްސްޓް ލެވެލްގެ އިބްރާހީމް ނިހާނެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކްލަބް ޒެފްރޯލެވެ.