މާވެލް ކޮމިކްސްގެ އެންމެ މަޝްހޫރު ސުޕަހީރޯ ސްޕައިޑާމޭންގެ މައްޗަށް ވަރަށް ބައިވަރު ގޭމުތައް ވަނީ މިހާތަނަށް އުފެއްދިފަ އެވެ. ނަމަވެސް އޭގެ ތެރެއިން މީހުން ބަލައިގަތީ ވަރަށް މަދު ގޭމެކެވެ. ހާއްސަކޮށް ޕްލޭސްޓޭޝަންގެ ޒަމާން އައި ފަހުން އުފެއްދި އެއްވެސް ސްޕައިޑާމޭން ގޭމެއް އެހާ ކާމިޔާބެއް ނުވެ އެވެ.
ނަމަވެސް އިންސޮމްނިއަކް ގޭމްސްގެ ފަރާތުން މިއަހަރު ނިމިގެން ދިޔަ އީ3 މަހާސިންތާގައި ވަނީ އެމީހުންގެ އެންމެ ފަހުގެ ޕްރޮޖެކްޓް "ސްޕައިޑާމޭން" ގޭމު ދައްކާލައިފަ އެވެ.
މަހާސިންތާގެ ހުރިހާ ބައިވެރިންނަށް ވެސް ސްޕައިޑާމޭންގެ އައު ހެދުން ވަރަށް ކަމުދިޔަ އެވެ. މީގެ އިތުރުން މިގޭމުގެ ސެޓިންގް އާއި ގޭމްޕްލޭ ވެސް ފަރުމާކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށެވެ. މިގޭމަކީ އަދި އޯޕެން-ވޯލްޑް ގޭމެއް ކަމެއް ނުވަތަ ނޫންކަމެއް ރަސްމީގޮތުން އެނގޭކަށް ނެތެވެ. ޕްލޭސްޓޭޝަން 4 އަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މިގޭމުގެ ގޭމްޕްލޭއަށް ބަލާލާއިރު ލަފާކުރެވެނީ މިއީ އޯޕަން-ވޯލްޑް ގޭމެއް ކަމުގަ އެވެ.
ރެޗެޓް އެންޑް ކްލޭންކް ގޭމުތައް ތައްޔާރުކުރާ އިންސޮމްނިއަކް ގޭމްސްގެ ސީއީއޯ ކޮޓާކޫ، ޕޮޑްކާސްޓް ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އިންސޮމްނިއަކް ގޭމްސް އިން ބޭނުންވީ ފަހުގެ ގޮތްތަކާއި ގޭމިންގެ ދުނިޔެއަށް އައިސްފައިވާ ބަދަލަށް ވިސްނައިގެން ޕްލޭސްޓޭޝަން ޕްލެޓްފޯމަށް ހާއްސަކޮށްގެން ބެޓްމޭން އާކަމް ފްރެންޗައިސް ފަދައިން އިތުރު ސުޕަހީރޯއެއްގެ އެފަދަ ގޭމެއް ނެރުމަށް ކަމުގަ އެވެ.
ސުޕަހީރޯ ކެޓަގަރީގެ މިހާތަނަށް ވިޔަފާރީގެ ގޮތުން ވެސް އަދި ގޭމަރުން އެންމެ ބަލައިގަތް ގޭމުތަކަކީ ނެދަރިއަމް ގޭމްސްއިން ތައްޔާރުކޮށް ނެރޭ ބެޓްމޭން އާކަމް ސީރީޒްގެ ގޭމުތަކެވެ. އަދި މިފަދަ އިތުރު ސުޕަހީރޯގެ ގޭމެއް ނުނެރޭތީ ގޭމު ކުޅޭ މީހުން ކެނޑިނޭޅި ނުރުހުން ފާޅުކުރާ އިރު، ފަހުގެ ތާރިހަކަށް އައިސް ބޮކްސް އޮފީހުގެ އެއްވަނާގައި އަބަދު ވެސް ރަސްކަން ކުރަމުންދަނީ ސުޕަހީރޯ ފިލްތައް ކަމަށްވާ އިރު ސްޕައިޑާމޭން ގޭމެއް ނެރޭކަން އެއީ ސުޕަހީރޯ ޖަންރޭއަށް ލޯބިކުރާ އެންމެނަށް ލިބިގެންދިޔަ އުފާވެރި ހަބަރަކަށް ނުވުން އެއީ ނުވާނެކަމެކެވެ.
މި ގޭމް 2018ގެ ކުރީކޮޅުގައި ރިލީޒްވާނެ ކަމަށް އިންސޮމްނިއަކު ގޭމްސްގެ ސީއީއޯ ޓެޑްރައިސް އީ3ގައި ވަނީ ވިދާޅުވެފަ އެވެ.