ލާއިންސާނީ އަނިޔާގެ 34 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް

ލާއިންސާނީ އަނިޔާކޮށްގެންކަމަށް ބުނެ 34 ޝަކުވާއެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް 2016 ވަނަ އަހަރު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިއަދަކީ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އަހަރު، ލާއިންސާނީ އަނިޔާކުރިކަމަށް ބުނެ 34 ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރި ކަމަށްބުނެ އާއި، ބަންދުގައި ހުރި މަރުކަޒެއްގައި އަނިޔާކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތު ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައިތިބޭ މަރުކަޒުތަކަށް ކޮމިޝަނުން ޒިޔާރަތްކޮށް، އެތަންތަނުގައި ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، ކަންކަން މޮނީޓަރ ކުރަމުންދާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެޗްއާރުސީއެމްއިން ބުނީ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ލާއިންސާނީ އަނިޔާއާ ދެކޮޅަށް ހުރި މާއްދާތަކާއި، އެންޓިޓޯޗަރ ގާނޫނު އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެންޓި ޓޯޗަރއާ ގުޅޭގޮތުން ހެދިފައިވާ، އަދި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް ފާހަގަކުރަމުން، އެޗްއާރުސީއެމްއިން ބުނީ އެފަދަ މުއާހަފާތަކުގެ ދަށުން އދ.ގެ އެންޓި ޓޯޗަރ ކޮމިޓީއަށް ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓު ވީހާވެސް އަވަހަކަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، އަނިޔާއިން އެއްކިބާވެ ހުރުމުގެ ހައްގު ކަށަވަރުކޮށްދޭން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްވެސް އެޗްއާރުސީއެމްއިން އިލްތިމާސްކުރިއެވެ.

comment ކޮމެންޓް