އެމްޑީޕީގެ ރީނދޫ ޕޯޑިއަމަށް ވަޑައިގަންނަވަން، ގިނަ ޝައިޚުން ބޭނުންފުޅުނުވާ ކަން ފާހަގަ ކުރެއްވެވިފައިވާ ކަމަށް އެ ޕާޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްހާފިޒް އަހުމަދު ޒަކީ މިރޭ ވިދާޅުވެއްޖެ އެވެ.
ރޯދަމަހަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ސިލްސިލާ ޖަލްސާތަކެއް ފެށުމުގެ ގޮތުން އެމްޑީޕީން މިރޭ ކަލާފާނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން ޝެއިޚުން ގިނަ ގައުމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕޯޑިއަމްގައި ދީނީ ނަސޭހަތްދެއްވަން ބޭނުންފުޅު ނުވާ ގިނަ ޝައިޚުންތަކެއް ތިއްބެވުމަކީ ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލަކަމަށެވެ.
" އަޅުގަނޑުމެންގެ މުޖުތަމައަކީ އިސްލާމީ މުޖުތަމައެއް، މިމުޖުތަމައުގައި ޝެއިޚުން ވަރަށް ގިނަ، ޕޮޕިއުލޭޝަންގެ ނިސްބަތަށް ބަލާއިރުގައި ޝެއިޚުން އިންތިހާއަށް ގިނަ، އެކަމަކު ކުރުމުއްދަތުތެރޭގައި އަޅުގަނޑު ކުރި މަސައްކަތުގައި ، މިޕޯޑިއަމަށް ހުއްޓި ނަސޭހަތް ދޭން ބޭނުންނުވާ ގިނަ ޝެއިޚުންތަކެއް ތިބިކަމަށް އަޅުގަނޑަށް ފާހަގަވެގެން ދިޔަ،" ޒަކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ފާހަގަކުރައްވަނީ ވަރަށް ހިތާމައާ އެކުގައި ކަމަށެވެ.
ޒަކީ ވިދާޅުވީ ބައެއް ޝައިޚުންގެ ވިސްނުންފުޅަކީ އެމްޑީޕީގެ މެމްބަރުންނަށް އެއް ގޮތަކަށް ވެސް ދީނީ ނަސޭހަތް ނުދެއްވާ ގޮތަށް ތިއްބެވުން ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން އެމްޑީޕީ މީހުންނަކީ އެހެން ދީނެއްގެ ބައެއް ކަމަށް އޭނާއަށް އިހުސާސްކުރެއްވުނު ކަމަށެވެ. އެކަމަކު އެމްޑީޕީގެ މެމްބަރުންނަކީ މުސްލިމުން ކަމަށާއި ދީނީ ނަސޭހަތް އަޑުހަން ބޭނުންވާ ކަމަށް ޒަކީ ވިދާޅުވި އެވެ.
"ބައެއް ބޭފުޅުންގެ ފިކުރާ ވިސްނުން ހުރީ، ތިމަންނާމެން އެމްޑީޕީއަކަށް ނަސޭހަތެއް ނުދޭނަމޭ، އެމްޑީޕީގެ މެމްބަރުންނަކަށް ތިމަންނާމެން ނަސޭހަތެއް ނުދޭނަމޭ، އަޅުގަނޑަށް އިހުސާސް ވެގެން އައީ އަޅުގަނޑުމެންނަކީ އެހެން ދީނެއްގެ ބައެއްގެ ގޮތުގައި. އަޅުގަނޑުމެންނަކީ މިގައުމުގެ އަފުރާދުން، އަޅުގަނޑުމެންގެ ވެސް ދީނަކީ އިސްލާމްދީން، އަޅުގަނޑުމެން ވެސް އިސްލާމީ ނަސޭހަތް އަޑުއަހަން ބޭނުން،" ޒަކީ ވިދާޅުވިއެވެ. އަދި ވިދާޅުވީ "މިނެޓަކަށް ހާސް ރުފިޔާ" ދީގެން ވެސް ޝައިޚުން ގެންދަން ބޭނުންފުޅުވާ ކަމަށެވެ.
ޒަކީ އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އެއް ހަދައި ރާއްޖޭގައި ތިއްބެވި ޝައިޚުންނާ ހަވާލުކުރެއްވުމުން އެޕާޓީގެ އިސްލާމީ މެނިފެސްޓޯއާ އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދާކަމަށެވެ. މީގެ އިތުރުން ތަފާތުކުރުން ނައްތާލައި ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މީހާއަށް ވެސް ދީނީ ނަސޭހަތް ދެއްވުމަށް ރާއްޖޭގެ ޝައިޚުނަށް އޭނާ މިރޭ ގޮވައިލެއްވެވި އެވެ.
ޖަލްސާފައި އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑީޑީ( ވިދާޅުވީ އެމްޑީޕީއަށް ވީހާވެސް ގިނަ ޝެއިޚުން ގެންދަވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެޕާޓީގައި މިހާރުވެސް ޝައިޚުން އެބަ ތިއްބެވި ކަމަށެވެ.
އަދި ވިދާޅުވީ އެމްޑީޕީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރުވެސް މިހާރުވެސް އެޕާޓީއާ ދެކޮޅު ފަރާތްތަކުން ކުރިމަތިކުރާ އަންނަ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީއަކީ ދީނީ ކަންތައްތަކަށް އަހައްމިޔަތުކަން ނުދޭ ޕާޓީއެއް ކަމަށް ތުހުމަތު ކުރުން ކަމަށެވެ. ނަމަވެސް ޑީޑީ ވިދާޅުވީ އެމްޑީޕީއަކީ ދީނީ ކަންތައްތަކަށް އަހަންމިއްޔަތުކަން ދޭ ޕާޓީއެއް ކަމަށާއި ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް ވެސް އުފެއްދީ އެޕާޓީގެ ސަރުކާރުން ކަމަށެވެ.
އެމްޑީޕީން ބޭއްވި ޖަލްސާގައި މިރޭ ދީނީ ނަސޭހަތްދެއްވީ އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށްވާ އައްޝައިޚު މުހައްމަދު ގުބާދު އަބޫ ބަކުރާއި އިތުރު ޝޭހެކެވެ.