ތިން މަސް ދުވަހުގެ ތެރޭ ޑޮލަރުގެ އަގު ކުރިއަށްވުރެ ބޮޑުވެ، ރައްޔިތުން ފަގީރުވީ ކަމަށް ބުނެ ގައުމީ ޕާޓީން ސަރުކާރަށް ފާޑުކިޔައިފި

ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިހު ހުރިވަރަށް ގެނެސް ޑޮލަރުގެ ތާށިކަން ހައްލުކުރާނެކަމަށް ސަރުކާރުން ބުނިނަމަވެސް ތިންމަސްވީއިރު ޑޮލަރުގެ އަގު ކުރިއަށްވުރެ ބޮޑުވެ، ރައްޔިތުން ނިކަމެވިފައިވާ ކަމަށް ބުނެ ގައުމީ ޕާޓީން ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވަނީ، މީގެ ތިން މަސްދުވަހުގެ ކުރިން ޑޮލަރުގެ އަގަށް ބަދަލު ގެނައީ އާންމުކޮށް އެމްޑީޕީން ކަންކަންކުރާ އުސޫލުން އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ވާނެކަމުގެ ހުވަފެން ދައްކާފަ ކަމަށާއި އެ މުއްދަތުގެ ތެރޭ ޑޮލަރުގެ ތާށިކަން އެއްކޮށް ފިލައިގެންގޮސް އިހު ހުރިގޮތަށް ޑޮލަރުގެ އަގު އިޔާދަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުން ކަމަށެވެ. ނަމަވެސް، އެ ނިންމުމުގެ ސަބަބުން މިއަދު ރައްޔިތުން ވަނީ އިތުރަށް ފަގީރުވެފައި ކަމަށް އެޕާޓީން ބުނެފައިވެ އެވެ.

"މިއަހަރުގެ މޭމަހުގެ 10 ވަނަދުވަހު ސަރުކާރުން، އެއްވެސް ފަރާތަކާއި މަޝްވަރާކުރުމެއްނެތި ދިވެހި ފައިސާގެ އަގު ވައްޓާލުމާގުޅިގެން ރައްޔިތުން މިދަނީ އިންތިހާއަށް ފަގީރުވެ ނިކަމެތިވަމުންނެވެ. ރައްޔިތުންނަށް ލިބޭ އާމްދަނީން %20 އުނިވެގެން ދިއުމާގުޅިގެން އެތައްބަޔެއްގެ އާންމު ދިރިއުޅުމަށް ތަޙައްމަލު ނުކުރެވޭވަރުގެ ބުރަހެލިކަން އައިސް އަނގަޔާއި އަތް ދިމާނުވާހިސާބަށް ގޮސްފައެވެ،" ގައުމީ ޕާޓީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އަދި ޑޮލަރުގެ ތާށިކަން ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނިފަހުން "ޑޮލަރުގެ ކަޅުބާޒާރު އިހުނަށްވުރެ ވަރުގަދަވެ" ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 17 ރުފިޔާ އަށް އަރައިގެންގޮސްފައިވާކަން އެޕާޓީން ފާހަގަކޮށްފައިވެ އެވެ.

އަދި އެކަމުން ރައީސް ނަޝީދުގެ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ފޭލިވެފައިވާ މިންވަރު ސާފުކޮށް އެނގިގެންދާ ކަމަށް ވެސް އެޕާޓީން ބުނެފައިވެ އެވެ.

އަދި ރާއްޖޭގެ އިގުތިސާދު "އަދަވަޅުގަނޑަކަށް" ވެއްޓިގެން މިދަނީ ނަޝީދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ. އަދިރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން އެކިކަންކަމުގައި ހާޖާނު އުފައްދާ ގޮތަށް ގައުމުގެ އިގްތިސާދާގުޅޭ ކަންކަންވެސް "އަރާފޯރީގައި" ކުރާތީ ކަމަށް ވެސް އެޕާޓީން ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގަށް ބަދަލުގެނައުމާ ގުޅިގެން ރައްޔިތުންގެ އާންމު ހާލަތު ދަށަށް ގޮސްފައިވާއިރު، ކުރިއަށްއޮތް ރަމަޟާން މަހުގައި އިތުރު ތަކުލީފުތައް ރައްޔިތުންނަށް ނުޖެހޭނެ ގޮތަކަށް، ކާބޯތަކެތީގެ އަގުތިރިކޮށް ޑޮލަރުގެ ތާށިކަށް ހައްލުކުރުމަކީ ރައީސް ނަޝީދުގެ ޒިންމާއެއްކަމަށް އެޕާޓީން ބުންޏެވެ. އަދި ޓެކްސްތަކާއި ޗާޖްތައް ނެގުން ފަސްކޮށް، ރައްޔިތުން ޢާންމު ހާލަތު ރަގަޅުކޮށްދިނުމަށް އެދިފައިވެ އެވެ.

"މިކަންކަން ނުކުރެވޭނަމަ ނަޝީދު އިސްތިއުފާ ދެއްވައި ރައްޔިތުންނަށް ލާބަހުރި މަގުން ގައުމުހިންގޭ ވަރުބަޔަކަށް ޖާގަދިނުމަށް ރައީސް ނަޝީދު އެއްފަރާތްވުމަކީ މިވަގުތު އެންމެރަގަޅު ގޮތެވެ." ގައުމީ ޕާޓީން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު