ރޮބޮޓުތަކަށް އަންނަމުންދާ ބަދަލު

އިންސާނުން އުފައްދާ ރޮބޮޓުތައް ދަނީ ދުވަހެއް ދުވަހަކަށް "މަޑު" ވަމުންނެވެ.

މި ދަންނަވާލީ އެއްވެސް ހާލެއްގައި އެފަދަ ތަކެތީގެ ދުވެލި މަޑު ވާހަކައެއްނޫނެވެ. މިދަންނަވާލީ އެތަކެތި އުފައްދަން ބޭނުންކުރާ ސާމާނަށް އަންނަމުންދާ ބަދަލުގެ ވާހަކަ އެވެ.

ރޮބޮޓުތައް ފަރުމާ ކުރާފަރާތްތަކުން ވެސް ގެންދަނީ ދަގަނޑާއި ވަޔަރިންގެ ބައިތައް ވީހާ ވެސް މަދުކުރެވޭތޯ ބަލަމުންނެވެ. ދިރޭ ޖަނަވާރުތަކުގެ ހަށިގަނޑު އަދި އެ އެއްޗެތީގެ ހަރާކާތް ނަކަލުކުރެވޭ ފަދަ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. މިފަދަ ރޮބޮޓުތައް ތައްޔާރު ކުރާއިރު މަސްނޫއީ ހަންގަނޑާއި، އަތާއި ފައި، އަދި "ސިކުނޑި" ވެސް ދީ ރޮބޮޓުތައް އިތުރަށް ފުރިހަމަކުރަމުންނެވެ.

އަދުގެ ދުނިޔޭގައި ރޮބޮޓަކީ ވަރަށް ވެސް ބޭނުންތެރި އަދި އުފެންދުންތެރިކަމުގެ އިންޑަސްޓްރީގައި ބޮޑު އިންސަންތައެއްގެ މަސައްކަތް ކުރަނީ ވެސް ރޮބޯޓިކްސް ބޭނުން ކޮށްގެންނެވެ. ޓެކޮނޮލޮޖީ ދާއިރާގައި ކޮންސަލްޓެންސީ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އައިޑީސީއިން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރާއި ހަމަޔަށް ރޮބޯޓިކްސް އިންޑަސްޓްރީގެ އަގު 188 މިލިއަން ޑޮލަރަށް ވުރެން ވެސް މައްޗަށް ޖެހިގެންދާނެ ކަމަށްވެ އެވެ.

މިއިންޑަސްޓްރީ ދަނީ ފުޅާ ދާއިރާއެއްގައި ކުރިއަރަމުންނެވެ. އަދި ރޮބޯޓިކްސްއަކީ އެކި ބާވަތްތަކުގެ ސާމާނު އުފައްދާ ކާރުހާނާތަކުގައި މަސައްކަތުގެ ގާތްގަނޑަކަށް 60 އާއި 70 ޕަސެންޓްގެ މަސައްކަތްތައް ވެސް ކުރުމުގެ "ޒިންމާ" ލިބިފައިވާ އެއްޗިއްސެވެ. ނަމަވެސް ރޮބޯޓިކްސް އިންޑަސްޓްރީގައި ހަރަކާތް-ފަރިތަ ރޮބޮޓުތައް ވަރަށް ވެސް މަދެވެ. މީގެ ސަބަބަކަށް ވަނީ މިތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނެވެ. އާންމުގޮތެއްގައި ރޮބޮޓުތައް އުފެއްދުމަށް ބޭނުންކުރަނީ އެކި ކަހަލަ ދަގަނޑުގެ ބާވަތްތަކާއި ޕްލާސްޓިކްގެ ބާވަތްތަކެވެ.

ނަމަވެސް މި އިންޑަސްޓްރީއަށް މިދަނީ މަޑު ދުވެލީގައި ނަމަވެސް ބަދަލުތަކެއް އަންނަމުންނެވެ. ސައިންޓިސްޓުންނާއި އިންޖިނިއަރުންދަނީ ރޮބޮޓުތަކުގެ ހަރަކާތްތައް އަވަސްކޮށް އަދި އެތަކުތި އުފެއްދުމަށް ބޭނުންކުރާނޭ ސާމާނުތަކައި އާލާތްތައް އީޖާދު ކުރަމުންނެވެ. ކުރިޔަށް އޮތްތަނުގައި ހަލުވި، ލުއި އަދި "ގުދުރަތީ" ގޮތް ބޮޑު ހަރަކާތްތައް ކުރެވޭ ރޮބޮޓުތައް މިއިންޑަސްޓްރީގައި ފައިހަރުކުރާނެ ކަމަށް ވަރަށްބޮޑަށް ލަފާކުރެވެ އެވެ. މިފަދަ ރޮބޮތަކަށް އެހެން ރޮބޮޓުތަކަށް ނުކުރެވޭ އެތައްކަމެއް ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ސިންގަޕޫރުގައި ދާދި ފަހުން ބޭއްވުނު އެކަޑަމިކް ކޮންފެރެންސެއްގައި ވެސް ވަނީ މިއިންޑަސްޓްރީގެ މާހިރުން ރޮބޮޓުތަކަށް ގެންނަ ބަދަލުތަކާއި އައު ރޮބޮޓުތަކުގައި ހުންނާނެ ތަފާތުތައް ދައްކާލައި އެކަންކަމަށް އަލިއަޅުވާލާފަ އެވެ.

މިކޮންފެރެންސަގައި ދައްކާލެވުނު ބައެއް ރޮބޮޓުތައް ތައްޔާރުކުރެވިފައި ވަނީ ވީހާ ވެސް ބަރު ދަގަނޑުގާއި ބޭކާރު ވަޔަރިންގެ މަސައްކަތްތައް އުނިކޮށްގެންނެވެ. އެގޮތުން ދައްކާލެވުނު ރޮބޮޓުތަކުގެ ތެރޭގައި އޮރިގާމީ ކަރުދާހުން ތައްޔާރުކޮށްފައިވާ ރޮބޮޓުތައް ހުރިއިރު ބައެއް ރޮބޮޓުތައް ހީވަނީ ކޮލޮސްޓޮމީ ކޮތަޅުތަކެއް ހެންނެވެ.

ދުނިޔެއަށް ނަން މަޝްހޫރު ކާރު ކުންފުނި ރޮލްސް-ރޮއިސް ވެސް ގެންދަނީ ރޮބޮޓުގަކުގެ އަޖުމަ ބަލަމުންނެވެ. އެގޮތުން އެކުންފުނިން ވަނީ ހަރުފައެއްގެ ސިފަ ދީފައިވާ ރޮބޮޓެއް ތައްޔާރުކޮށް އޭތި ޓެސްޓުވެސްކޮށްފަ އެވެ. މި "ހަރުފަ"އަކީ މަތިންބޯޓުތަކުގެ އިންޖީނު ކެބިނެޓަށާއި އަދިވެސް އެފަދަ އިންސާނުންނަށް ނުވަދެވޭ ފަދަ ތަންތަނަށް ވަނުމުގެ ގާބިލްކަން ލިބިފައިވާ ރޮބޮޓެކެވެ.

މިތައްޔާރު ކުރި ކުންފުނީގެ ހެޑް އޮފް ކޮމިއުނިކޭޝަންސް އޮލިވާ ވޯލްކާ ޖޯންސް ވިދާޅުވި ގޮތުގައި އެކުންފުނިން ކުރި ބުރަމަސައްކަތުގެ ފޮނި ނަތީޖާ ލިބިއްޖެ އެވެ. އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެއާކުރާފްޓެއް އިންސްޕެކްޓްކުރަން އެ ރޫޅާލަން ނުޖެހޭނެ ކަމަށާއި އެމީހުންގެ މިރޮބޮޓަކީ އެފަދަ ގާބިލުކަމެއް ލިބިފައިވާ އެއްޗެއްކަމެވެ.

މި ރޮބޮޓު ފަރުމާކޮށް ތައްޔާރުކުރި އާނައު ގެރިގާ ކަސަނޮވާސް ވިދާޅުވި ގޮތުގައި މި މަސްނޫއީ ހަރުފަ ތައްޔާރުކުރެވިފައި ވަނީ ވަރުގަދަކޮށް އަތުރާފައިވާ ސިލިކޯނު ހޮޅި ނުވަތަ ޗޭމްބަރުތަކަކުންނެވެ. މީތި ކޮޅުކޮޅަށް ދުވެ ހަދަނީ މީތީގެ މި ޗޭމްބަރުތަކުން ފޮނުވާލާ ވައިގެ ބޭނުން ހިފައިގެން މި ޗޭމްބަރުތަކުގެ ހަރާކާތްތަކަށް ބަދަލު ގެންނަމުންނެވެ.

މިވަގުތައް ބަލާއިރު ލުއި، ހަރަކާތް ހަލުވި އަދި ފްލެކްސިބަލްކަން ބޮޑު ސާމާނު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރޮބޮޓުތައް އެންމެބޮޑަށް ބޭނުންކުރެވެނީ ލޮޖިސްޓިކްސް އިންޑަސްޓްރީގައާއި ކާނާ ތައްޔާރުކުރާ ގިނަ ކުންފުނިތަކުގަ އެވެ.

ރޮބޯޓިކްސްގެ ޓެކްނޮލޮޖީ ކިތައްމެހައި ވެސް ކުރިއަރައިފާ ވިނަމަވެސް އަދި ވެސް އިންޖިނިއަރުންނާއި ސައިންޓިސްޓުންނަށް އެންމެ އެދެވޭ ގޮތަކަށް ދެނެގަނެވިފައިވާ ނުވާ އެތައްކަމެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އިންސާނުން ފަދައިން ރޮބޮޓުންނަށް އެއްޗެއްގެ (މިސާލަކަށް ފޮށިގަނޑެއްގެ) ބޮޑު ކުޑަމިނާ ފޮށިގަނޑުގެ މެޓީރިއަލް އަށް އިންސްޕެކްޓްކުރުމަށް އެފަދަ ތަކެތި އުފުލުމަށް ލާން ޖެހޭ ބާރު ނުވަތަ ހަކަތަ ރަނގަޅަށް ދެނެގަންނަށް ނޭނގުމެވެ. މިކަންކަމަށް އިންސާނުންޖެހޭނީ ކޮމްޕިއުޓަރގެ ޒަރީއާއިން އަބަދުމެ އިރުޝާދު ދޭށެވެ.

މިކަމާ ގުޅޭ ގޮތުން ކެމްބްރިޖް ކޮންސަލްޓަންޓްގެ ނޭތަން ރެންޗް ވިދާޅުވަނީ "މިއީ އާދައިގެ ރޮބޮޓުތަކަށް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމެއްނޫން، އެކަމަކު ފަހުގެ ރޮބޮޓުތަކަށް މިކަންކަން މިހާރު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ."

ރޮބޯޓިކްސްގެ ފައިދާ އެންމެބޮޑަށް މިވަގުތު ކުރާނީ ލޮޖިސްޓިކްސް އިންޑަސްޓްރީގަ އެވެ. ރައިޓްހޭންޑް ރޮބޯޓިކްސްގެ ކޯ-ފައުންޑާ ލެއިފް ޖެންޓޮފްޓް ވިދާޅުވާ ގޮތުގައި ލޮޖިސްޓިކްސް އިންޑަސްޓްރީގައި ބޭނުންކުރާނޭ ރޮބޮޓުތަކަށް އިންވެސްޓްކުރާނެ ފަރާތްތައް އަންނަނީ އެމީހުންގެ ޝައުގުވެރިކަން ހިއްސާކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ލެއިފް ވިދާޅުވީ "އީކޮމާސް މިދަނީ ދުނިޔޭގައި ފުޅާވަމުން އަދި ބޮޑެތި ގުދަންތަކުގައި މަސައްކަތްތައް ބުރަވެ މަސައްކަތްތައް ކުރާނެ މީހުން އިތުރުވަމުން" މިކަމާ ގުޅިގެން ކުންފުނިތަކުން އޯވާހެޑަށް (ސްޓާފުންގެ ހަރަދަށް) ކުރަން ޖެހޭ ހަރަދު މަހުންމަހަށް ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ގިނަ ކުންފުނިތަކަށް އެކަށީގެންވާ ފައިދާތަކެއް ނުކުރާ އިރު، މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ހިފެހެއްޓިފައި ނުހުރުމުގެ ސަބަބުން މާލީ އެތައް ގެއްލުންތަކެއް މިކުންފުނިތަކަށް ކުރެ އެވެ. ވީމާ ލޮޖިސްޓިކްސް އިންޑަސްޓްރީގެ ގިނަ ކުންފުނިތައް ގެންދަނީ އެންމެ ފަހަރަކު ނަމަވެސް ބޮޑު އިންވެސްޓްމެންޓެއް ކޮށް މަސައްކަތްތައް ލުޔެއްލިބޭނޭ ފަދަ ރޮބޯޓިކްސްތައް ގަތުމަށެވެ.

މެރިން އިންޑަސްޓްރީއަކީ ވެސް ރޮބޯޓިކްސްގެ ބޭނުން އެކިކަހަލަ އެކްސްޕެރިމެންޓްތަކުގައި އަދި ރިސާޗް މަސައްކަތުގައި ކުރާ އިންޑަސްޓްރީއެކެވެ.

ޗައިނާގެ ޒެއިޖިއަންގް ޔުނިވާސިޓީއިން ވަނީ އަސްލާ އެއްގޮތް ރޮބޯޓިކް މަހެއް ވެސް ތައްޔާރުކޮށްފަ އެވެ. މި މަސް ފަރުމާކުރި ފަރާތްކަމުގައިވާ ޓިއެފެންގް ލީ ވިދާޅުވީ، ދަގަނޑާއި ވަޔަރިންގް އަދި އެފަދަ ތަކެތީގެ ބަދަލުގައި މަސްނޫއީގޮތުން ތައްޔާރުކޮށްފައިވާ ހަމާއި މަސްގަނޑު މި ރޮބޯޓިކް މަސް ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވާނެ ކަމަށް އަދި މިމަސް އަސްލާ އެއްގޮތްކަމުން ގުދުރަތީ މަސްތަކަށް ވެސް މިއީ ރޮބޮޓެއް ނޫންކަމެއް ނޭނގެ އެވެ.

ރޮބޯޓިކްސް އިންޑަސްޓްރީއަށް މިދަނީ ބޮޑެތި އިންގިލާބުތަކެއް އަންނަމުންނެވެ. ލުއި، ހަލުވި އަދި އަސްލާ އެއްގޮތް އަދި ކުދި ރޮބޮޓުތައް މިހާރު ވަނީ ބޮޑެތި ކުންފުނިތަކާއި އެހެނިހެން އިންޑަސްޓްރީތަކުގައި މަގުބޫލުކަން ހޯދަން ފަށާފަ އެވެ. ނަމަވެސް، "ކޮންވެންޝަނަލް" ނުވަތަ ކުރީގެ ބައްޓަންތަކަށް ނުވަތަ ސްޓޭންޑާޑް ފަރުމާތަކުގެ ރޮބޮޓުތައް އަދިވެސް ބޭނުންކުރެވޭ މިންވަރު ދަށަކަށް ނުދެ އެވެ. އަދި ލަފާކުރެވޭ ގޮތުގައި ބޮޑެތި ދުއްވާތަކެތި އުފައްދާ އަދި ބަރު މެޝިނަރީ ތައްޔާރުކުރާ ކުންފުނިތަކުން އަދިވެސް ބޭނުންކުރާނީގެ ބަރު ދަގަނޑުގެ ބާވަތްތައް ހިމަނައިގެން އުދައްދާފައިވާ ރޮބޮޓުތަކެވެ.

މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި، މިފަދަ ރޮބޮޓުތަކުގައި ބޭނުންކުރެވިފައިވާ ސާމާނުގެ ސަބަބުން މިރޮބޮޓުތައް ވަރަށް ގިނަދުވަސް ވަންދެން ބޭނުންކުރެވޭއިރު މިފަދަ "ކޮންވެންޝަނަލް" ރޮބޯޓިކްސްގެ ސްޕެއާ ޕާޓްސް ތަކަތީ އިންޑަސްޓްރީގައި ފަސޭހައިން ލިބެން ހުންނަ ތަކެއްޗެވެ. މީގެ އިތުރުން މިފަދަ ރޮބޯޓިކްސްތަށް އަވަހަށް ހަލާކުވުން ނޫނީ އެހެން ވެސް ތަފާތު މައްސަލަތައް ޖެހުން މަދެވެ.

ދުނިޔޭގެ މެނުފެކްޗަރިންގް އިންޑަސްޓްރީގައި ރޮބޮޓުތަކުގެ ބޭނުން ވަރަށްބޮޑަށް ކުރެވޭއިރު، އެކި ކަހަލަ ރިސާޗް ތަކާއި އަދިވެސް އެހެނިހެން އިންޑަސްޓްރީތަކުގައި ރޮބޮޓުގަކުގެ ހިފޭ ބޭނުން މިދަނީ އިތުރުވަމުންނެވެ. އިންސާނުންގެ އެތައްބައިވަރު މަސައްކަތްތަކެއް މިދަނީ މަޑުމަޑުން ރޮބޮޓުތަކާ ހަވާލުކުރެވެމުންނެވެ. ކަންމިހެން ހުރިއިރު، މިފަދަ ކަންތައްތައް ދިރާސާކޮށް އެނެލައިޒް ކުރާ ފަރާތްތަކުން އިންސާނުންގެ ބޭނުން ވަޒީފާގެ މައިދާނުން އެއްކޮށް ގެއްލިގެން ހިނގައިދާނެކަމުގެ އިންޒާރުތައް އެކިފަހަރު މަތިން ދީފައިވީ ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަނީ މިއީ ތެދެއް ނޫން ކަމަށެވެ.

ކޮންމެ ގޮތަކަށް ކަންތައް އޮތްކަމުގައިވީ ނަމަވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ ރޮބޯޓިކްސް ސަބަބުން އިންސާނުން ނުކުރެވޭ އަދި އިންސާނުންނަށް ނުދެވޭ އެތައްކަމެއް ކުރެވިގެން ދާކަމެވެ. މިކަމުގެ ސަބަބުން އާހިރު ފައިދާއެއް މިކުރަނީ ހަމަ އަހަރެމެން އިންސާނުންނަށެވެ.

މަސްދަރު: ރޮއިޓާސް، މޭޝެބަލް

comment ކޮމެންޓް