ޒަކާތުގެ ގޮތުގައި މިހާތަނަށް ދެއްކީ ތިން މިލިއަން ރުފިޔާ

ބަޔަކު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި --- ސަން ފައިލް ފޮޓޯ

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ތިން މިލިއަން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަމުންދާއިރު، އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން މިރޭ ވިދާޅުވީ، އިއްޔެގެ ނިޔަލަށް މާލޭ ސަރަހައްދުން 69،437 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ.

އެގޮތުން މާލޭ ސަރަހައްދުން މިހާތަނަށް ޒަކާތުގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އަތޮޅު ތެރެއިން ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ބުނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުން ޒަކާތުގެ ގޮތުގައި ދެއްކީ ހަތަރު މިލިއަން ރުފިޔާއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ރަސްމީކޮށް ދައްކަން ޖެހެނީ 2.4 ކިލޯގެ ހަނޑުލަށްވާ އަގުގެ ފައިސާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގައި އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 16 ރުފިޔާ، ތައިލެންޑް ހަނޑުލުން ނަމަ ބޮލަކަށް 55 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 80 ރުފިޔާއެވެ.

ރަށްރަށުގައި ފިތުރު ޒަކާތް ދައްކަން ޖެހޭނީ އެ ރަށެއްގައި 2.4 ކިލޯގެ ހަނޑޫ ގަންނަން ލިބޭ އަގުގައެވެ.

ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް (އަންނަ ހޮނިހިރު) ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 1:00 އާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނައިރު، ރަމަޟާން މަހުގެ 29 ވަނަ ދުވަހު މެންދުރު 2:00 އާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އިތުރުން ހުޅުމާލެ އެޗްޑީސީން، ވިލިމާލެއިން، އަޔާދީ ތަކާފުލުން އަދި ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދެމުންގެންދާ އުރީދޫ އަދި ދިރާގުން ވެސް ޒަކާތް ބަލައިގަންނަމުންދާއިރު، އަތޮޅު ތެރެއިން ޒަކާތް ބަލައިގަންނަމުން ދާނީ ރަށު ކައުންސިލް ތަކުންނެވެ.

އިސްލާމިކް މިނިސްޓްރީ ފިޔަވައި ދެން ޒަކާތް ބަލައިގަންނަމުންދާ ހުރިހާ ތަނަކުން ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 26 ވަނަ ދުވަސްވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

އޭގެ އިތުރުން ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް އަރަބިއްޔާ ސްކޫލްގެ ހޯލުގައި ޒަކާތް ބަލައިގަންނަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް