އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރު މިލިޓަރީ ތަމްރީންތަކަށް ގަތަރަށް

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުފަހަރު ގަތަރުގައި ބަނދަރުކޮށްފައި. --- ފޮޓޯ: އޭޕީ

ދޯހާ (ޖޫން 15) --- އެމެރިކާގެ ނޭވީގެ ހަނގުރަމާމަތީ ދެ އުޅަނދު ޖޮއިންޓް މިލިޓަރީ ތަމްރީނުތަކަށް ގަތަރުގެ ވެރިރަށް ދޯހާއަށް ގޮސްފި އެވެ.

އެމެރިކާ ނޭވީގެ ހަނގުރާމަމަތީ އުޅަނދުފަހަރު ގަތަރުގެ ދޯހާއަށް ބަނދަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުކަމަށް ގަތަރު ނިއުސް އޭޖެންސީ އިން ހަބަރުދޭއިރު، ހަމަ އެދުވަހު ގަތަރުން ވަނީ އެމެރިކާއާ އެކު އެފް-15 ގެ ހަނގުރާމަމަތީ މަތިންދާބޯޓު ގަތުމުގެ 12.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ޑީލެއްގައި ވެސް ސޮއިކޮށްފަ އެވެ.

އެ އުޅަނދުފަހަރު ގަތުމުގެ މުއާމަލާތުގައި ސޮއިކުރީ ގަތަރުގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް އަތީޔާއާއި އެމެރިކާގެ ޑިފެންސް މިނިސްޓަރު ޖިމް މެތިސް، ވޮޝިންޓަންގައި ކުރިޔަށް ދިޔަ ބައްދަލުވުމެއްގަ އެވެ.

ގަތަރާއި އެމެރިކާއާ ދެމެދެ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދިފަހުން ގަތަރަކީ އީރާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ކުރާގައުމެއްގައި ވިދާޅުވެ އެގައުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އެވެ.

ގަތަރާ އެއްގަމު މަގުން ގުޅިފައިވާ ހަމައެކަނި ބޯޑަރު، ސައޫދީގެ ވެރިރަށް ރިޔާދުންވެސް ވަނީ ދެގައުމުގެ ދެމެދުގެ ދަތުރުފަތުރުތައް ކަނޑާލައިފައެވެ. މީގެ އިތުރުން ސައުދީ، ބަހްރައިން އަދި އެމިރޭޓްސް އިންވަނީ ގަތަރުގެ މަތިންދާބޯޓުތަކަށް އެގައުމުތަކަށް ވަނުން މަނާކޮށްފައެވެ.

ކަން މިހެންހުރި ނަމަވެސް އެމެރިކާގެ ޕެންޓަގަންއިންވަނީ ގަތަރުން ހުއްޓުމެއްނެތި ފޯރުކޮށްދޭ ސަރަހައްދީ ސެކިއުރިޓީއަށް، އެގައުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އެގާރަ ހާހަށް ވުރެންވެސް ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ގަތަރުގެ އަލް-އުބެއިދު އެއާބޭސްއަކީ މުޅި މެދުއިރުމަތީގައި އެމެރިކާއަށް ނިސްބަތްވާ އެންމެ ބޮޑު މިލިޓަރީބޭސް އެެވެ. މިތަނުގައި 100 އަށް ވުރެ ގިނަ އެއާރކްރާފްޓްވެސް އޮޕަރޭޓް ކުރެއެވެ.

މަސްދަރު: އަލް-ޖަޒީރާ

comment ކޮމެންޓް