ރ. އިންނަމާދޫ ސްކޫލްގެ ސެކަންޓްރީ ގްރޭޑްތަކުގައި ކިޔަވާދެމުން އަންނަ އިންޑިޔާގެ ޓީޗަރަކު ކްރިސްޓިއަންދީން ފަތުރަމުން ގެންދާ ކަމަށް ބުނެ އެސްކޫލްގެ ބެލެނިވެރިންތަކެއް ސްކޫލް ކައިރިއަށް އެއްވެ މިއަދު ނުރުހުން ފާޅުކޮށްފި އެވެ.
އިންނަމާދޫ ސްކޫލްގެ ބެލެނިވެރިއެއް ކަމުގައިވާ އާދަމް ސައީދު މިއަދު ބުނީ އިންނަމާދޫ ސްލޫލް ގްރޭޑް 8،9،10 އެއްގައި ކޮމާސް މާއްދާ ކިޔަވައިދޭ އިންޑިޔާގެ ޖޯންޝަން ބޭބީ ނަމަކަށް ކިޔާ އެޓީޗަރު އޭނާ ކިޔަވާދޭން ދާ ކްލާސްތަކުގައި ދީނާ ހިލާފް ވާހަކަތަކެއް ދައްކަމުން ގެންދާ ކަމުގެ ޝަކުވާ ކުދިންގެ ފަރާތުން ލިބެމުން ގެންދާތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށެވެ. އެގޮތުން "ނަމާދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން" ކަމަށް ކުދިންގެ ކައިރީގައި އެޓީޗަރު ތަކުރާރުކޮށް ބުނަމުންގެންދާ ކަމުގެ ޝަކުވާތައް ވެސް ދަރިވަރުންގެ ފަރާތުން ލިބެމުން ގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.
"ނަމާދު ކުރަން ޤުރުއާން ކިޔުން މިއީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެ ކުދިންނަށް ބިރު ދައްކައި އެކަންތައް ނުކުރުމަށް އެމީހާ ދަނީ ބުނަމުން،" އާދަމް ބުންޏެވެ.
އާދަމް ސައީދު ބުނީ އެމައްސަލައާ ގުޅިގެން އެކަންތައް ހުއްޓުވުމަށް ޕީޓީއޭގެ މެންބަރުންތަކެއް ބައްދަލުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން މިއަދު ސްކޫލަށް ގޮސް އެކަންތައްތައް ހުއްޓުވުވައި ދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހާއި ހަމައަށް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅައިނުދީފިނަމަ ސްކޫލްގައި ތަޅުއަޅުވާނެ ކަމަށް މިއަދު ސްކޫލް ކައިރިއަށް އެއްވި ބެލެނިވެރިންތައް ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެމައްސަލާގައި ރަށު ކައުންސިލަށްވެސް އަންގާފައިވާނެ ކަމަށާއި ގައުމީ އިދާރާއާ ބައްދަލުކޮށް ވެސް އެމައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އަހުމުދު ނިޝާމް މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ރަސްމީ ސިފައެއްގައި އެކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭ ކަމުގައިވާނަމަ އެކަންތައްތައް ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅިގެން އެރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝަރީފު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އުޅޭ ކަމެއް އަދި މިހާތަނަށް އިނގިފައިނުވާ ކަމަށެވެ.