ގަތަރު މީހެއްގެ އަތުން ނެގި ފައިސާ ދެއްކުމަށް ދިވެއްސެއްގެ މައްޗަށް ހުކުމްކޮށްފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ގަތަރުގެ ރައްޔިތެެއްގެ އަތުން ދަރަނީގެ ގޮތުގައި ނަގާފައިވާ ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ދެއްކުމަށް ދިވެއްސެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހއ. ދިއްދޫ މީހެއްގެ މައްޗަށެެވެ.

އޭނާގެ މައްޗަށް އެގޮތަށް ހުކުމްކޮށްފައި ވަނީ، ހުޅުމާލޭގައި ގެސްޓުހައުސްއެއް ހިންގުމަށް ޓަކައި ގަތަރުގެ ރައްޔިތެއް ކަމަށްވާ އައްޝައިޚް އަބްދުލްޢަޒީޒު ބިން އަބްދުލްރަހްމާން ހަސަން އަލީ އާލް ޘާނީގެ އަތުން ދިއްދޫ މީހަކާއި ސ. ހިތަދޫ މީހަކު ދަރަނީގެ ގޮތުގައި ނަގާފައިވާ 215،000 ޑޮލަރާއި ގާނޫނީ ޚަރަދާއި ގެއްލުންތަކުގެ ބަދަލުގައި 21،500 ޑޮލަރާ އެކު ޖުމްލަ 236،500 ޑޮލަރު އަނބުރާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރުމާ ގުޅިގެންނެވެ.

އެ ހުކުމުގައި އޭނާގެ މައްޗަށް އަމުރުކޮށްފައި ވަނީ، އެ މައްސަލާގައި އަބްދުލްއަޒީޒާއި ދިއްދޫ މީހާއާ ދެމެދުގައި ވާހަކަ ދެކެވި އެއްބަސްވެފައިވާ ގޮތަށް ދަރަނި ދައްކަައި ހަލާސްކުރުމަށެެވެ.

އެގޮތުން އެއް އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު 5000 ޑޮލަރަށް ވުރެ މަދުނޫން އަދަދެއް ދެއްކުމަށާއި އަދި އެއަށް ފަހު ކޮންމެ މަހަކު 12000 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ދެއްކުމަށް ސިވިލްކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

އެ މައްސަލާގައި ދައުވާ ލިބޭ ދެވަނަ މީހާ ކަމުގައިވާ ސ. ހިތަދޫ މީހާގެ މައްޗަށް ކޯޓަށް ހާސިރުވުމުގެ އަމުރު ރައްދުކުރެވޭ ގޮތް ވެފައި ނުވާތީ އޭނާގެ ބައި ކޯޓުން ކުރިއަށް ނުގެންދެ އެވެ.

ކޯޓުން ކޮށްފައިވާ ހުކުމުގައި އަބްދުލް އަޒީޒަށް ލިބެން ޖެހޭ ފައިސާ ހަމައަށް ލިބެންދެން ހިލްވާޒްގެ މައްޗަށް ވަކިން ދައުވާ ކުރުމުގެ ހައްގު އަބްދުލްއަޒީޒަށް ލިބިގެންވާކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް