ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ހޮވައިފި

ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ކަނޑައެޅި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޯޓުން ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީއަށް ހޮވައިފި އެވެ.

މަތީ ކޯޓުގެ ފަރާތުން ޖޭއެސްސީއަށް އަބްދުﷲ ހަމީދު ހޮއްވެވީ، އެ ކޯޓްގެ ފަނޑިޔާރުންގެ މެދުގައި މިއަދު ހެނދުނު ނެގި ވޯޓުގައި އެވެ. ނުވަ ފަނޑިޔާރުން ތިއްބަވާ ހައި ކޯޓުން ޖޭއެސްސީގެ މެންބަރު ކަމަށް އަބްދުﷲ ހަމީދުގެ އިތުރުން ވާދަކުރެއްވީ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް އެވެ. އެވޯޓްގައި އަބްދުﷲ ހަމީދަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ. އަބްދުލްރައޫފް އިބްރާހިމް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.

ހައި ކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް މާޗް، 26، 2010 ގައި ފަނޑިޔާރުން އައްޔަން ކުރުމުގެ ކުރިން، އެ ކޯޓްގެ ފަރާތުން ޖޭއެސްސީއަށް ހޮއްވެވި ފަނޑިޔާރު އަބްދުލްޣަނީ އިސްތިއުފާދެއްވީ މިދިޔަ މަހުގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މިހާރު ތިއްބެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިތުރު ފަނޑިޔާރަކު ޖޭއެސްސީއަށް ހޮވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް ބަލައި އަދަލު އިންސާފު ގާއިމް ކުރާ ޝަރުއީ ނިޒާމް ޒިންމާދާރު ކުރުވާ ޖޭއެސްސީއަކީ 10 މެންބަރުން މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކޮށް ކަނޑައަޅުއްވާ ފަނޑިޔާރަކާއި ހައި ކޯޓްގެ ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކު ޖޭއެސްސީގައި ހިމެނެ އެވެ. އަދި އާންމުންގެ ތެރެއިން މަޖިލީހުން ހޮވާ މީހެއްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކޮށް އައްޔަން ކުރާ ވަކީލެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނެ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަން )ސީއެސްސީ(ގެ ރައީސްއާއި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް ކަނޑައަޅުއްވާ ބޭފުޅެއްގެ އިތުރުން މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކު އެ ކޮމިޝަންގައި ހިމެނެ އެވެ.

އެ ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި މެންބަރު އައިޝަތު ވެލްޒިނީ އެމަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖޭއެސްސީގެ މެންބަރުންގެ އެ މަގާމު އަދި އޮތީ ހުހަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު