އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވުމަށް ޕުއާޓޯ ރީކޯގެ ރައްޔިތުން ތާއީދުކޮށްފި

ޕުއާޓޯ ރީކޯގައި ރައްޔިތުން މަގުމަތީގައި --

އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވުމަށް ފެންނަ ކަމަށް، ކެރީބިއަން ސަރަހައްދުގައި އެމެރިކާގެ ބާރު ހިނގާ ޕުއާޓޯ ރީކޯގެ ރައްޔިތުން ނިންމައިފިއެވެ.

ސްޕެއިންގެ އިސްތިއުމާރީ ބާރު އޮތް ޕުއާޓޯ ރީކޯއަކީ 1898 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޓެރިޓަރީއެކެވެ. އެގައުމުގެ ރައްޔިތުންނަކީވެސް އެމެރިކާގެ ރައްޔިތުންނެވެ. އަދި 1958 ވަނަ އަހަރުން ފެށިގެން ޕުއާޓޯ ރީކޯއަކީ އެމެރިކާއަށް ބަރޯސާވާ، އެގައުމުގެ ޓެރިޓަރީއެކެވެ. ނަމަވެސް އެއީ އެމެރިކާގެ ބައެއް ނޫނެވެ.

ޕުއާޓޯ ރީކޯ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި މިވަގުތު އޮތް އިރު، އެމެރިކާގެ 51 ވަނަ ސްޓޭޓަށް އެގައުމު ވުމަށް ފެނޭތޯ އެގައުމުގެ ރައްޔިތުންގެ މެދުގައި އިއްޔެ ވަނީ ވޯޓު ނަގައިފައެވެ. އެ ވޯޓުގައި ބައިވެރިވީ ޕުއާޓޯ ރީކޯގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އެންމެ 23 ޕަސަންޓެވެ. ނަމަވެސް އޭގެ ތެރެއިން 97 ޕަސަންޓު ރައްޔިތުން ވޯޓު ދީފައިވަނީ އެމެރިކާގެ ސްޓޭޓަކަށް ވުމަށް ތާއީދުކޮށެވެ.

ވޯޓުލީ މީހުންގެ އަދަދު ދަށްވީ، ޕުއާޓޯ ރީކޯގެ އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޯއިކޮޓް ކޮށްފައި އޮތުމުންނެވެ.

އިންތިޚާބުގައި ވޯޓުލީ މީހުންގެ މެޖޯރިޓީ، އެމެރިކާއާ ގުޅުމަށް ލިބުނު އިރު، ޕުއާޓޯ ރީކޯ އެމެރިކާގެ ސްޓޭޓަކަށް ހެދުމުގެ ފަހު ނިންމުން ނިންމާނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންނެވެ.

ނުވަ ހާސް ކިލޯމީޓަޓުގެ ބިމަކާއި ތިން މިލިޔަނުގެ އާބާދީއެއް އޮންނަ ޕުއާޓޯ ރިކޯގެ ވެރިކަމުގެ ނިޒާމު މިހާރު އޮންނަ ގޮތަށް ބަލާއިރު، އެގައުމުގެ ރައީސަކީ އެމެރިކާގެ ވެސް ރައީސެވެ. އެހެން ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު، ޕުއާޓޯ ރީކޯގެ ރައްޔިތުންނަކަށް ނުލިބެއެވެ.

ޕުއާޓޯ ރީކޯގެ ސަރުކާރުގެ ވެރިއަކީ އެގައުމުގެ ގަވަރުނަރެވެ. ރައްޔިތުން އެ ގަވަރުނަރު އިންތިޚާބު ކުރާ އިރު، މަތިގެއާއި ތިރިގެއެއް ހިމެނޭ ގާނޫނު ހަދާ މަޖިލީހެއްވެސް ޕުއާޓޯ ރީކޯގައި ހުރެއެވެ. ނަމަވެސް އެމެރިކާގެ ޓެރިޓަރީއަކަށް ޕުއާޓޯ ރީކޯ ވިޔަސް އެމެރިކާގެ ކޮންގްރެސްގައި ޕުއާޓޯ ރީކޯގެ މެމްބަރުންނެއް ނުތިބެއެވެ.

އެމެރިކާގެ 51 ވަނަ ސްޓޭޓަށް ޕުއާޓޯ ރީކޯ ވެއްޖެ ނަމަ، އެމެރިކާގެ ކޮންގްރެސްއާއި ސެނެޓުގައި ޕުއާޓޯ ރީކޯ ތަމްސީލުކުރާ މެމްބަރުން ތިބޭނެއެވެ.

އެމެރިކާގެ ސްޓޭޓުތަކުގެ އިއްތިހާދާ އެންމެ ފަހުން ގުޅުނީ ހަވާއީއެވެ. އެއީ 1959 ވަނަ އަހަރުއެވެ.

comment ކޮމެންޓް