ގަތަރުގެ ރައްޔިތުން ހަރަމްފުޅަށް ވަނުން ހުއްޓުވި މައްސަލަ ފެންމަތިވެއްޖެ

ހައްޖަށް ދިޔަ ގަތަރުގެ ބައެއް ރައްޔިތުން ވަނީ އެގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފަ -- ފޮޓޯ/ ރޮއިޓާސް

ދޯހާ (ޖޫން 10): ސައުދީ އަރަބިއާގެ އޮފިޝަލުން އެ ގައުމަށް އުމްރާއަށް ދިޔަ ގަތަރުގެ ރައްޔިތުންތަކެއް މަސްޖިދުލް ހަރަމަށް ވަނުން ހުއްޓުވި މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ގަތަރުގެ އަލް ޝަރްގު ނޫހުން ބުނެފި އެވެ.

އެ ނޫހުގައިވާ ގޮތުން މައްކާގައި ތިބި ގަތަރުގެ ބައެއް ރައްޔިތުން ވަނީ އެ މީހުން މަސްޖިދުލް ހަރަމަށް ވަނުމަށް ސައުދީ އޮފިޝަލުން ހުރަސް އެޅި ކަމަށް ބުނެ ގަތަރުގެ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރުސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

އެންއެޗްއާރުސީން ވަނީ ސައުދީ އޮފިޝަލުންގެ އަމަލުތަކަކީ ދީނުގެ އަޅުކަންތައް ފުރިހަމަ ކުރުމުގެ ހައްގު ލިބިދޭ ހިއުމަން ރައިޓްސް ކޮންވެޝަނާ ހިލާފު އަމަލެއް ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފަ އެވެ.

ގަތަރުގެ ނޫހަކުން އެފަދައިން ބުނެފައި ވަނީ އެގައުމުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ ސައުދީ އަރަބިއާ އާއި އިތުރު ގައުމުތަކަކުން އެ ގައުމާ ގުޅުން ކަނޑާލާފައި ވަނިކޮށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކަނޑާލައި، ދަތުރުފަތުރު ކުރުން ހުއްޓާލި ނަމަވެސް ގަތަރުގެ ރައްޔިތުންނަށް ހައްޖު ކުރުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ސައުދީން ބުނެފައި ވަނިކޮށެވެ.

ސައުދީ އަރަބިއާގެ އިތުރުން ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު، ބަހްރެއިން، ލީބިޔާ، ޔަމަން، މޮރީޝަސް އަދި ރާއްޖެ ހިމެނެ އެވެ.

ސައުދީ އަރަބިއާއިން ވަނީ ގަތަރާ އަލުން ގުޅުން ގާއިމު ކުރާނީ އެ ގައުމުން ފަލަސްތީނުގެ ހަމާސް އާއި މިސްރުގެ މުސްލިމް ބްރަދަހުޑް ފަދަ ޖަމާއަތްތަކާ ގުޅުން ކަނޑާލުމުން ކަމަށް ބުނެފައެވެ.

ނަމަވެސް ގަތަރުން ވަނީ އެގައުމުން ޓެރަރިޒަމަށް ފަންޑު ކުރާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ގަތަރާ ގުޅުން ކަނޑާލި ގައުމުތަކާ އަލުން ގުޅުން ބަދަހި ކުރުމަށް އެގައުމުގެ ހާރިޖީ ސިޔާސަތަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް