ހިމާޔަތެއް ނެތިފައި

12 ޖުލައިގެ ނޫހާގުޅޭ

ދޮރުކަނީގައި ބޯ ވިއްދާލަމުން ކުޑަކޮށް ހުޅުވިފައިވާ ދޮރުން ބޭރު ލައިބާ ބަލާލީ ސިއްރުސިއްރުންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. ހުއްޓުން އަރާފައި އެދިމާލަށް ބަލަން ހުރިއިރު އޭނައަށް އެމީހުންގެ ތެރެއިން ޔަޒާންގެ ހަށިގަނޑު ފެނިގެންދިޔަ އެވެ. ލައިބާއަށް ވަށައިގެން ހޯދާލެވުނީ އަޒުރާ ކޮބާތޯއެވެ. ބޮޑުއަށިމަތީގައިވާ ތިންމީހެއްގެ ތެރެއިން ތެރެއިން އަޒުރާގެ ދިގު އިސްތަށިގަނޑު ފެނެ އެވެ.

އަޝްހަރުގެ އަތުގެ ތެރެއިން ސަލާމަތްވަމުން މިޒުނާ އާއި ނަދީމާއާ ދިމާއަށް ދިޔަ ޔަޒާންއަށް ކޮޓަރީގެ ދޮރުން ބޯދިއްކޮއްގެން ހުރި ލައިބާ ފެނުނެވެ. އޭނަ ސިހިގެން ދިޔައެއްކަމަކު އެމޫނަށް ވެރިވީ ރުޅިވެރިކަމެވެ. ޔަޒާން ދެލޯ އަޅައިލި އެވެ. އަތުގައި ހުރި ތަށީގައި ތުންޖެހިގޮތަށް ހުސްކޮށްލައިފި އެވެ. ނަދީމާ ހޭންފެށިއެވެ. އަދި ޔަޒާން އާއި މިޒްނާ އަޒުރާގެ ކޮޓަރިއަށް ދިޔައެވެ. އިރުކޮޅަކުން ޔަޒާން އެކޮޓަރިން ނުކުތެވެ. އޭރު ލައިބާ ފެންނާކަށް ނެތެވެ.

މެންދަމުން އަލިވެ ތިނެއްޖާ ބޮޑުވިއިރު ގޭތެރޭގެ އެތަން މިނަތަނަށް މީހުންތައް ނިދިބަރު ވެގެން ވެއްޓޭ އުސޫލުން ޖެހިފައި ތިއްބެވެ. ހަމަހޭގައި އެކަކުވެސް ނެތެވެ. ކަނަކަށް ޖެހިފައި އިން ޔަޒާންގެ އިނެވެ. ބުއްދި ސަލާމަތުންނެވެ. ހީވާގޮތުން އޭނަ އިނީ މިގަޑިއަށް ތައްޔާރުވެގެންނެވެ. ވެއްޓިފައި އޮތް ހޯލްސްޓަން ފުޅި ދެފަހަރަކު އަތުން ދެއަތަކަށް ދުއްވާލުމަށްފަހު އޭނަ ތެދުވިއެވެ. މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.

ނިދަން އުޅެއުޅެވެސް ނުނިދިފައި އޮތް ލައިބާ އޮތީ ބިއްދޮށަށް އެނބުރިއެވެ. ސިކުނޑި މަސައްކަތްކުރަމުން ދިޔަވަރަކަށް ހަށިގަނޑުން ހިއްލަމުން ދިޔަ ދާތިކިތައް ދިޔައީ އިތުރުވަމުންނެވެ. ބުރަކަށީގައި ކަނދުރާޔާ ދިމާލުން ނިދަން ލާފައިވާ ހެދުން ތެމެމުން ދާކަން ލައިބާއަށް އިޙްސާސް ކުރެވެއެވެ. އަނެއްކޮޅުން ބާލީހުގެ ކަންގަނޑުން މޫނު ފޮހެމުން ދިއުމުގެ ސަބަބުން ބޮޑުބައެއްވަނީ ތެމި ފޯވެފައެވެ. ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ދޮރުގެ ތަޅުގައި ހިފާ ދޮރުހުޅުވާލި އަޑުއިވުނެވެ. އެއަޑާއިއެކު ލައިބާ ވަގުތުން ދެލޯ މަރާ ބާރުކޮއްލިއެވެ. ހަމައެވަގުތު އެމީހަކު ވަރަށް ބާރަށް ދޮރު ޖެހިއަޑުއިވުނެވެ. އެހެންނަމަވެސް ލައިބާ އެއީ ކާކުތޯ ބަލާކަށް ބޭނުމެއްނުވިއެވެ.

ކުއްލިއަކަށް ލައިބާގެ ހެދުމުގައި ހިފާ މީހަކު ދަމައިގަތް ގަތީނުން އެނދުގެ މަގަތަށް ބެޑުސީޓާއެކު ލައިބާ އައެވެ. އެއާއެކު ލައިބާއަށް ބާރަށް ހަޅޭލަވައިގަނެވުނީ ގަތް ބިރުންނެވެ.

"ތި އެއްޗެހި..." ޔަޒާން އަމުރުވެރި ރާގަކަށް ބުނެލިއެވެ.

ލައިބާ ވަގުތުން އެނދުން ތެދުވިއެވެ. އަދި ބިރުވެރިކަމުން ފުރިގެންވާ ނަޒަރަކުން ޔަޒާންއަށް ބަލަމުން ދިޔައީ އެއީ މިނިކާ ޖަނަވާރެއްހެންނެވެ. އަނެއްކާވެސް ޔަޒާންގެ އަމުރުވެރި ރާގުގައި ލައިބާއަށް ހަޅޭލަވައިގަތެވެ. ލައިބާގެ ކަންފަތުގައި ހިފަމުން އެއީ ކީއްކުރާ އެއްޗެކަން ނޭނގޭތޯ ވެސް ސުވާލުކުރި އެވެ. ނޫނީ ބީރުވީހޭ އެހިއެވެ. ލައިބާއަށް ޔަޒާންގެ ހަރުކަށިބަސްތަކުން ރޮވެން ފެށުނެވެ.

"ދޮ...ން...ބޭ" ލައިބާ ރޮމުން ކަހަލަ ގޮތަކަށް ބުނެލި އެވެ.

"ދޮންބޭއޭ ކިޔާނެކަމެއްނެތް، އަދި މާރަނގަޅުވާން އެބައުޅެޔޭ، އަހަރެން ރަނގަޅަށް ކަންތައް ކުރީމަވެސް ކަލެއަކަށް...." ޔަޒާން ލައިބާގެ ފައިގައި ހިފާ ދަމައިގަތެވެ. އެއާއެކު ލައިބާއަށް ބާރަށް ރޮއެގަނެވުނީ ވީތަދުންނާއި އެކުއެވެ.

ލައިބާ ރޮމުން ރޮމުން ޔަޒާންގެ އަތްފޮޅުވަމުން ދުރަށްދާން މަސައްކަތްކުރިއެވެ. ޔަޒާން ލައިބާގެ ގައިގަ ހިފާ ތަރުފާލުގަނޑު މައްޗަށް ވައްޓާލިއެވެ. ލައިބާގެ އަޑު މުޅިކޮޓަރި ތެރެއަށް ފެތުރިގެންދިޔައެވެ. ހަމައެވަގުތު ޔަޒާން އާއި ލައިބާ ސިއްސައިގެން ދިޔައީ ފުރާޅު މައްޗަށް ބޮޑު އެއްޗެއް ވެއްޓުނު އަޑުފަދަ އަޑުފައްގަޑެއް އިވުމުންނެވެ. ކުޑައިރުކޮޅަކަށް ޔަޒާންގެ އަތްފައި ފިނިވެގެން ދިޔައީ އިވުނު ބާރު އަޑުންނެވެ. އެވަގުތު ލައިބާ ޔަޒާން ކޮއްޕާލަމުން ތެދުވެ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ޔަޒާންގެ ފައިން ލައިބާގެ ދަތި އަޅުވާލިއެވެ. ލައިބާ ތަރުފާލުގަނޑުމައްޗަށް އަނގަވައްތަށް ވެއްޓިއްޖެއެވެ. ޔަޒާން ގަދަކަމުން ލައިބާ އުޑުން ޖެހިއިރު އަނގަމަތިން ފަޅައިގެން ގޮސްފައި ހުއްޓެވެ. ނޭފަތާ ނިތްކުރިމަތިން ތަންގަނޑެއް ރަތްވެފައިވެސް ހުއްޓެވެ.

ޔަޒާން ބޭނުންވި ހުރިހާ ކަމެއް ކުރި އެވެ. ލައިބާ ޖެހުނީ ގައިގާ ހުރިބާރަކަށް ހަޅޭލަވާށެވެ. ނަމަވެސް އަރުތެރެއިން ރަނގަޅަށް އަޑު ނުނިކުންނަނިސް ލައިބާގެ އަނގަމަތީ ޔަޒާން އަތް އަޅަ އެވެ. ޔަޒާން ރުޅިއައިސް ރަތްވެގެން ގޮސް ލައިބާގެ އަނގަމަތީގައާއެކު ދެއަތުން ތަޅަން ފެށިއެވެ. ހުއްޓުމެއްނެތި އެވެ. ލައިބާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތުވެސް ފުރާޅުމަތިން ވަކި ދިގު ޖަނަވާރެއްގެ ވަކިތައް ޓިނުތަކުގައި ދަމާފަދަ އަޑުފަށްގަނޑެއް އިވެމުންދިޔައެވެ. އެހެންނަމަވެސް ޔަޒާން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އޭނަގެ ލޭވަނީ ހޫނުވެފަ އެވެ.

އަނެއްކާވެސް ލައިބާއަށް ހަޅޭލަވައިގަނެވުނެވެ. އަޑުގެ ނެތްތަނަށް އަޒުރާއަށް އެތައް ފަހަރަކު ގޮވިއެވެ. ޔަޒާންއަށް އެތަށް ފަހަރަކު އާދޭސްކުރި އެވެ. އެންމެފަހުން ލައިބާއަށް އޮތްތަނަށް ބޮޑުކަމުވެސް ދެވުނީއެވެ. ގިސްލަމުން ގިސްލަމުން ގޮސް އޭނަގެ ހަބަރު ހުސްވީ ކޮންވަގުތަކު ކަމެއްނޭގެއެވެ. އޭރު ލައިބާގެ އުނަގަނޑުން ތިރިވަނީ އައްސިވެފައެވެ. ދެފައި ހަމައެކަނި އޮތްކަމެވެ. ހަރަކާތެއް ގެންނާނެހާ ވަރުވެސް ނެތެވެ. ދެފައި ތަޅުވާވެސް ލެވޭނީ އެންމެ ކުޑަމިނުން ލައިބާގެ އުނަގަނޑުން ތިރި އިޚްސާސް ވާނަމަ ނޫންހެއްޔެވެ.

ލައިބާއަށް ހޭވެރިކަންވީ އޭނަގެ މޫނުގައި ދެފަރާތުން މީހަކު ތަޅަން ފެށުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އެއްފަރާތެއްގައި ޔަޒާންއިނެވެ.

"ތިތާ ދެން އޮންނަންވީކީ ނޫނޭ، ތެދުވެ ތިތަން ސާފުކޮށްބަލަ، އެހެންނޫނީ ނޯއްދަމާލަން ނުކުރޭނެ، މަންމަ އައިސްފަ ހަޅޭލަވާނީ މަށަކަށްނޫން، ހަމަ ލައިބާ އާއި ދިމާލަށް... ދެން ތެދުވޭ، އެހެންނޭ ވާނީ... އަހަންނަށްވުރެ މިސްމެން ދައްކާ ވާހަކަ އަޑުއަހަންޏާ ތިހެންވާނީ، އަޅެ ދޮންބެ ގޯސްތަ ލައިއަށް،" ޔަޒާންގެ އަޑުގައި އަދިވެސްވަނީ އަމުރުވެރި ގޮތެވެ.

ލައިބާގެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔަ އެވެ. ޔަޒާން ލައިބާ ނަގަން އަތުގައި ހިފުމުންވެސް ފޮޅުވާލި އެވެ. ޔަޒާން އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ލައިބާއަށް އަނެއްކާވެސް އަމިއްލަ ހާލާމެދު ރޮވުނީ އެވެ. އެކަމަކު އެހެން މާގިނައިރު އިނދެފިނަމަ އިރުއަރާފާނެ އެވެ. މަޑުމަޑުން ލައިބާ ތެދުވަން މަސައްކަތްކުރިއެވެ. ކޮޅަށް ތެދުވެވުނެއްކަމަކު ލައިބާއަށް ހުރީ ގުޑިލަން ނުކެރިފައެވެ. އެކުޑަ ހަށިގަނޑުގެ އެކިތަންތަނުގައި އަޅާ ވޭނުންނެވެ. ދެދަތްފިލަ ޖައްސާ ބާރު ކޮއްލުމާއިއެކު ދެ ލޯމަރާލައިފައި ކުރިއަށް ފިޔަވަޅެއްއެޅި އެވެ. ތުރުތުރަކާއިއެކު ލައިބާ މަޑުމަޑުން ކުރިއަށް ގޮސް ފާހާނާއަށް ވަނެވެ.

އިރުއަރާދިޔައިރު ވެސް ލައިބާ އުޅުނީ ކޮޓަރީގައި އަޅާފައިވާ ތަރުފާލުގަނޑު ސާފުކުރުމުގައެވެ. އޭރުވެސް ޔަޒާން އެނބުރި އެކޮޓަރިއަށް ނާދެއެވެ. އޭނަ އެދިޔައީ ކޮންތާކަށްބާއޭ ލައިބާގެ ހިތަށް އެރިއެވެ. މިގަޑީގަ އޭނަ ދާނެތަނެއްވެސް ނޯންނާނެ އެވެ. ލައިބާ މޫނު ހަދާލަމުން ތުންފަތް ދަމާލީ ޔަޒާންދެކެ ވީ ފޫހިންނެވެ. އަދި ދެލޯ ފޮހެލަމުން ލައިބާ ކުދި ފިޔަވަޅުގައި ފެންބާލިދީއާއި ސައިބޯނި ފުޅި ހިފައިގެން ފާހާނާއަށްވަނެވެ. އަދި ފެންވާރާ ގައިން ތާހިރުވުމަށް އަވަސްވެގަތެވެ.

އަޒުރާއަށް ތެދުވެވުނު އިރު ބާރަ ޖަހަނީއެވެ. އޭރު ނިދާފައި އޮތް ޔަޒާން ފެނުނެވެ. އަތުން ދެފަހަރަކު ޔަޒާންގެ ގައިގާ ކޮއްޓާލަމުން އޭނަ ތެދުވެ އުޅާހަށްދެމިލި އެވެ. ކޮޓަރިން ބޭރަށް ނުކުމެ ގޭގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ގޭތެރެއަށް ހީވީ ވެލީގެ ތޫފާނެއް އައިހެންނެވެ. ފުރާޅުމައްޗަށް ހީވީ އޮއްގާތަކެއް އުކާލިހެންނެވެ. އަޒުރާ ކުއްލިއަކަށް ފަހަތަށް ޖެހިލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން ރީތިކޮއްލަމުން ހުޅިއެއްޖެހި އެވެ. ފުރާޅާ ދިމާލަށް ބަލާލުމަށްފަހު ދޮރުން ބޭރަށް ނުކުތީ ކުދިވެރިންތަކެއް އަނެއްކާ ފުރާޅުގަ އުޅެނިބާއޭ ހިތައެވެ. އޭރު ޖެހިގެން ހުރި ހައްވަ ދައިތަމެންގޭންނާއި ރަޒިއްޔާ މެންގޭ ތެރެއިން ހުކުރު ދުވަހަށްވީތީ ރެޑިއޯއިން ޤުރުޢާން ކިޔަވާއަޑުއިވެމުންދިޔަ އެވެ. ދެފަރާތަށް ބަލާލުމަށްފަހު ގޭތެރެއަށް ވަންނަން އައިވަގުތު އަޒުރާގެ ލޮލުގެ ހިމަކޮޅުން ބަނބުކެޔޮ ގަހުގެ ފަހަތުގައި އެއްފަޅި ފެންނަގޮތަކަށް މީހަކު ހުރިހެން ހީވިއެވެ. )ނުނިމޭ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު