ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމަކީ ފަހަތަށް އެޅި ފިޔަވަޅެއް: ރައީސް

ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކުލަވާލި ޕެރިސް މުއާހަދާ އިން އެމެރިކާ ވަކިވުމަކީ ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައި ފަހަތަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޖަށްވަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ދޫކުރާ އެއް ގައުމު ކަމަށްވާ އެމެރިކާއަކީ ޕެރިސް މުއާހަދާ ތަސްދީގު ކުރުމަށް ވައުދުވެފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދެ ވަނަ ދައުރުގައެވެ.

ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މުއާހަދާގައި ސޮއިކުރުމަށްފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ، މިދިޔަ އަހަރު އެމެރިކާއިން ރަސްމީކޮށް އެ މުއާހަދާގައި ބައިވެރިވެ އެ ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

ނަމަވެސް ޕެރިސް މުއާހަދާއަކީ އެމެރިކާއަށް ކަމުދާ މުއާހަދާއެއް ނޫން ކަމަށް ބުނެ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އެ މުއާހަދާއިން އެމެރިކާ ވަކިވުމަށް ނިންމާފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ބޮޑެތި ކުންފުނިތަކުން ޑޮނަލްޑް ޑްރަމްޕަށް ފާޑުކިޔުންތައް ދަނީ އަމާޒު ވަމުންނެވެ.

ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާކަން ކުރާ ގައުމެއްގެ ހައިސިއްޔަތުން، އެމެރިކާގެ އެ ނިންމުމާމެދު ހިތާމަ ކުރައްވާ ކަމަށެވެ.

އަދި މި ކަމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތައް ލިބުނު ގޮންޖެހުމެއްގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައު ހިންގުމަށް ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައި ފަހަތަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

"މިކަހަލަ ނާޒުކު މައްސަލައަކަށް ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުން ޒިންމާ ނުނަގާ ވަކިވުމަކީ އދ. ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއިން ހިތާމަ ކުރައްވާ ކަމެއް،" ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވީ، ޕެރިސް މުއާހަދާގައި އެމެރިކާ އިން ބައިވެރިނުވާނެކަން އިއުލާން ކުރި ނަމަވެސް، ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން އެ އެއްބަސްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މޫސުމީ ސަމިޓެއް ބޭއްވުމަށް ޗައިނާއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމާފައިވާއިރު، އޭގައި އިންޑިއާ އަދި ބްރެޒިލް ފަދަ ގައުމުތަކުން ވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާގައިވެސް ރާއްޖެއާއެކު މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ޒަމާނުއްސުރެ ރާއްޖެއިން އަދާކުރާ ދައުރު، އަދާކުރާނަން،"ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް