މައުމޫން ރައީސް ނަޝީދާ ކުރައްވާ ސުވާލު:
އެމްޑީޕީން މަޖިލިސް ހުއްޓުވުމުން ފިޔަވަޅު ނާޅުއްވައި މިހާރު ފިޔަވަޅު އަޅުއްވަނީ ކީއްވެ؟

އެމްޑީޕީގެ މެންބަރުން މަޖިލިސް ހުއްޓުވިއިރު ފިޔަވަޅެއް ނާޅުއްވައި ހުންނެވުމަށްފަހު ޑީއާރްޕީ އާއި ޕީއޭ އާއި ޖުމްހުރީ ޕާޓީ އާއި ގައުމީ ޕާޓީއަށް ނިސްބަތްވާ މެންބަރުނާއި އަމިއްލަ މެންބަރު މަޖިލީހުގެ ތެރޭގައި ކުރައްވާ އިހުތިޖާޖުގެ އަމަލުތަކާމެދު ފިޔަވަޅު އަޅުއްވަނީ ކީއްވެގެންތޯ ކުރީގެ ރައީސް މައުމޫން އަބަދުލް ގައްޔޫމް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަސީދާ ސުވާލު ކުރައްވައިފި އެވެ.

މައުމޫން، ރައީސް ނަޝީދާ މި ސުވާލު ކުރެއްވެވީ މިއަދު ރައިސަށް ފޮނުއްވެވި ދެ ސޮފުހާގެ ސިޓީއެއް މެދުވެރި ކުރައްވައެވެ.

މައުމޫން ރައީސް ނަޝީދަށް ފޮނުއްވި އެ ސިޓީގައިވިދާޅުވެފައި ވެއެވެ:

"... މި މައްސައާއި ގުޅިގެން އަޅުގަނޑުގެ ހިތުގައު އުފެދޭ ސުވާލެއް ދަންނަވާލާނަމެވެ. އެއީ، އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ޖަލްސާތަކެއް ހުއްޓުވަމުން ގެންދިޔައިރު، އެކަމާ މަނިކުފާނު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނަވާފައި، ޑީއާރުޕީ އާއި، ޕީއޭ އާއި، ޖުމްހޫރީ ޕާޓީ އާއި، ގައުމީ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންނާއި، ބައެއް އަމިއްލަ މެންބަރުން މަޖިލީހުގެ ތެރޭގައި މިހާރު ހިންގަވަމުން ގެންދަވާ އިހްތިޖާޖު ކުރުމުގެ އަމަލުތަކާއި ގުޅިގެން މަނިކުފާނު ފިޔަވަޅު އަޅުއްވަމުން ގެންދަވަނީ ކީއްވެގެން ތޯ އެވެ. މިސުވާލެވެ."

މައުމޫން ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީ ފުޅެއް ފޮނުއްވެވިއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ބާއް ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރުގައި ބުނެފައިވަނީ "ކިނބިގަސްދަށުގޭ މައުމޫން އަޑީގައި ހުންނަވައިގެން މަޖިލީހުގެ ޖަލްސާތަށް ހުއްޓުވަމުން ގެންދާ" ކަމަށެވެ.

ގައުމީ ދިފާއީ ބާރުން މިއަދު މަޖިލީހުގެ ބައެއް މެންބަރުން "އުރާލައިގެން" މަޖިލީހުގެ ޗެމްބަރުން ބޭރުކޮށްފައިވަނިކޮށް މައުމޫން ފޮނުއްވެވި ސިޓީގައި ވަނީ އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ވަނީ ރައްދުދެއްވާފަ އެވެ. ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައި އެ މަނިކުފާނު އެއްވެސް ލަފައެއް އެއްވެސް މެންބަރަކަށް ދެއްވާފައި ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ހުއްޓުވަމުން އަންނަނީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި ގޮތާއި އެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަމަލުކުރެއްވި ގޮތުން ޑީއާރްޕީއާއި ޕީއޭއާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި އަމިއްލަ ބައެއް މެންބަރުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅު އެމަނިކުފާނަށް ދެބޭފުލަކު ދެއްކެވި ވާހަކައިން ވެސް މަޖިލިސް ހުއްޓުވަނީ އެމަނިކުފާނު ކަމަށް ދޭހަވާ ކަމަށެވެ.

"... އަލްފާޟިލް އިބްރާހިމް ހުސައިނ ޒަކީއަށް އަޅުގަނޑު ދަންނަވާފައިވާނީ، މަޖިލީހުގައި ހިނގާ އެއްވެސް ކަމަކާ އަޅުގަނޑު ނުބެހޭ ކަމަށާއި، މަޖިލީހުގައި ހިނގާ އެއްވެސް ކަމަކާ ބެހޭގޮތުން އަޅުގަނޑުގެ އެއްވެސް ލަފައެއް އިރުޝާދެއް އެއްވެސް މެންބަރަކަށް ދީފައިނުވާނެ ކަމަށެވެ. މިއީ، ހަމަ ހަގީގަތެވެ. މިވާހަކަވާނީ، އަލްފާސިލް އާދަމް ނައީމް މެދުވެރިކޮށް މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީއަށް މިއަދު އަޅުގަނޑު ދަންނަވާފަ އެވެ،" އެ ސިޓީގައިވެ އެވެ.

މައުމޫންގެ ސިޓީ ފުޅާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ޕްރެސް ސެކެރެޓަރީއަށް ގުޅުމުން ފޯނުނަންގަވާތީ ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ރައީސްގެ ސުޕެޝަލް އެންވޯއީ ޒަކީ އާއި ޕޮލިޓިކަލް އެޑްވައިޒުގެ ބަހެއް ވެސް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު