ބެންގަލޫރު ކޯޗުގެ ތައުރީފް ޗެތްރީއަށް

ޑިސެމްބަރު 27، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި އިންޑިއާ އާއި ނޭޕާލް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުނިލް ޗެތްރީ ފަދަ މޮޅު، ގޯލާއި ރައްޓެހި ކުޅުންތެރިން ޓީމުގައި ތިބުމުން މެޗުގައި ބޮޑަށް މަސައްކަތް ކުރީ ބޯޅަ ހޯދައިގެން ފުރުޞަތުތަކެއް ތަނަވަސް ކުރުމަށް ކަމަށް ބެންގަލޫރު އެފްސީގެ ކޯޗް އަލްބާޓް ރޯކާ ބުނެފިއެވެ.

މާޒިޔާ އަތުން 1-0 މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބެންގަލޫރުގެ ކޯޗު ވަނީ މިއަދުގެ މެޗުގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިން ސުނިލް ޗެތްރީއަށް ވަރަށް ބޮޑަަށް ތައުރީފްކޮށްފައެވެ.

"ގޯލެއް ޖެހުމަކީ ހާއްސަ ހުނަރެއް ބޭނުންވާ ކަމެއް. އެ ހުނަރު އެބަހުރި ޗެތްރީ ކިބައިގައި. އޭނައަށް އެނގޭ ގޯލް ޖަހަންވީ ވަގުތާއި ޖަހަންވީ ގޮތް" ރޯކާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މާޒިޔާއިން ރަނަގަޅަށް ކުޅުނު ކަމަށާއި އެމީހުންގެ ރޭވުން ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް އޭނާގެ ޓީމުން މަސައްކަތް ކުރީ ރަނގަޅު ތަނަށް ބޯޅަތައް ޕާސްކޮށް މުހިއްމު ދަނޑިވަޅުގައި ނަތީޖާ ނެރުން ކަމަށެވެ.

"އަހަރަމެންގެ ނަސީބްވެސް ރަނގަޅި. ނަމަވެސް ނަސީބް ރަނގަޅުވާނީ ވެސް މަސައްކަތް ކޮށްގެން. އަހަރަމެންގެ ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު. ކުރި މަސައްކަތާއި ބަލާއިރު އަހަރަމެންނަށް ލިބުނީ ހައްގު މޮޅެއް،"

ރޯކާ ވަނީ މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮސްކީ އަށްވެސް ތައުރީފްކޮށްފައެވެ. އޭނާ ބުނީ ސެކުލޮސްކީގެ ރޭވުން ވަރަށް މޮޅު ކަމަށާއި އޭނާގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ.

ބެންގަލޫރު ވަނީ މާޒިޔާއަތުން މޮޅުވެ އޭފްސީ ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް