ފިނޭންސް މިނިސްޓަރު ކަމުގައި ގާސިމް ހުންނަވައިގެން ކްރެސެންޓް ފިހާރަ ބިޑު ކުރުމުގައި ގަވައިދާ ހިލާފުވެވަޑައިގެންފައެއް ނުވޭ: އޭސީސީ

ފިނޭންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ކްރެސެންޓް ހަ ނަމްބަރު ފިހާރަ ބިޑު ކުރެއްވުމުގައި ގާސިމް އިބުރާހިމް ގަވައިދާ ހިލާފުވެވަޑައިގެންފައި ނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ބުނެފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމްގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު ވަނީ މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓެއް އާންމު ކުރައްވާފަ އެވެ.

އެ ރިޕޯޓުގައި ބުނަނީ ފިނޭންސް މިނިސްޓަރު ކަމުގައި ގާސިމް ހުންނަވައިގެން ކްރެސެންޓް ހަ ނަމްބަރު ފިހާރަ ބިޑް ކުރެއްވުމުގައި ގަވައިދާ ހިލާފަށް، 25000ރ. އަށް ފިހާރަ ކުއްޔަށް ދީފައިވާކަން އެ ކޮމިޝަނުން ބެލި ބެލުމުން ސާބިތު ނުވާ ކަމަށާއި އެކަން ބެލުމަށް މިނިސްޓްރީގެ ލިޔުންތަކާއި ކަމާބެހޭ ފަރާތްތައް ވެސް ހާޒިރުކޮށް ތަހުގީގުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ތަންތަން ކުއްޔަށް ދޫކުރުމަށް އަމަލު ކުރާނެ ގަވައިދެއް މިހާތަނަށް ހަދާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓް ބުނެ އެވެ. އަދި ބުނެފައި ވަނީ އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ބިން ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމުގައި ބައެއް ފަރާތްތަކުން ކަރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުމުގައި ގާނޫނީ މައްސަލަތަކެއް ކުރިމަތިވަމުންދާތީ މާލިއްޔަތުގެ ގާނޫނުގެ ދަށުން ނެރެފައިވާ މާލިއްޔަތުގެ ގަވައިދުގައި ދައުލަތުގެ ތަންތަން ކުއްޔަށް ދިނުމުގައި އަމަލު ކުރާނެ ގޮތެއް ކަނޑަ އަޅައި އެ ގަވައިދު އިސްލާހު ކުރަން ފިނޭންސަށް އަންގާފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު