ޣައްސާން މައުމޫނު އިނގިރޭސި ވިލާތުގައި އެކްސިޑެންޓެއްވެ، ދައުލަތުގެ ފައިސާތަކެއް ބޭރުކުރި ކަމަށް ބުނާ މައްސަލައެއް ރިޔާސީ ކޮމިޝަނުން ބަލަން ފަށައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ޣައްސާން މައުމޫން އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވުމުން އެކަން ފޮރުވުމަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އެގައުމަށް ފޮނުވާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލައެއް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގުކުރަމުން ގެންދާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު އަބްދުﷲ ހަސީން މިއަދު ވިދާޅުވީ، އެ އެކްސިޑެންޓެއްގައި ޣައްސާން ހިމެނިވަޑައިގެންނެވި ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ "ނަހަމަ ގޮތުގައި" ބޭރުކޮށްފައިވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅައިފައިވާތީ އެކަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

"މި އެކްސިޑެންޓާ ގުޅިގެން މީހަކު މަރުވެފައިވަނީ. މި އެކްސިޑެންޓުގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން އެބަ ހިމެނޭ. މި އެކްސިޑެންޓާ ގުޅިގެން ދިވެހި ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި އިނގިރޭސިވިލާތަށް ބޭރުކުރެވިފައިވާ ކަމަށް ތުހުމަތުކުރެވިގެން އަޅުގަނޑުމެން މި މައްސަލަ ބަލަމުން މިދަނީ،" ހަސީން ވިދާޅުވި އެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މި ތަހުގީގަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ރަސްމީ ފަރާތްތަކުގެ އެހީތެރިކަން ވެސް މިހާރު ލިބެމުންދާ ކަމަށް ހަސީން ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް ހަސީން ވިދާޅެއް ނުވެ އެވެ.

"... ރިޔާސީ ކޮމިޝަނުން މި މައްސަލަ ބަލަމުންދާތާ ފުދޭވަރަކަށް ގިނަ ދުވަސްވެއްޖެ. މި މައްސަލަ ބަލަމުން ގޮސް، މިހާރު އިނގިރޭސިވިލާތުގެ ކަމާބެހޭ ރަސްމީ ދާއިރާތަކުން ކޮމިޝަނަށް އެހީތެރިކަމާ އެއްބާރުލުން ލިބެމުން ދަނީ،" ހަސީން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ބޭރުކުރި ކަމަށް ތުހުމަތުކުރެވޭތީ އޭރުގެ ފިނޭންސް މިނިސްޓްރީގެ އިސް ފަރާތްތަކާއި "އެމްއެމްއޭގެ އެންމެ މުހިންމު އިސްފަރާތްތައް" ހާޒިރުކޮށް ސުވާލު ކުރައްވާނެ ކަމަށެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ފައިސާ ބޭރުކޮށްފައިވަނީ ކޮން ބޭނުމަކު ކަމެއް އަދި ވިދާޅުވެވެން ނެތް ކަމުގައި ވެސް ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވި އެވެ.

"ކަނޑައެޅިގެން މިހިނދަކު އެފައިސާ އެއީކީ ކަމެއް ފޮރުވަން ކަމެއް ނޫނީ މިކަމާ ގުޅިގެން ބައެއް ފަރާތްތަކަށް ކޮމްޕަންސޭޝަނެއް ދައްކަން ކަމެއް ނޫނީ އަދި ހިނގަމުންދިޔަ ތަހުގީގެއް ހުއްޓުވަން ކަމެއް، މިހެން އަޅުގަނޑުމެން ކަނޑައެޅިގެން މިވަގުތަކު ހާމަކުރާކަށް ނެތިން،" ހަސީން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ސަން އަށް މިރޭ ފޯނުން ދެއްވި އިންޓަވިއު އެއްގައި ޣައްސާން ވިދާޅުވީ، އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި އެ ވާހަކަތައް ފަތުރައިގެން އުޅެނީ އޭނާގެ ބައްޕާފުޅުގެ އަގު ވައްޓައި ލުމަށާއި ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ އިނގެރޭސި ވިލާތުގައި އޭނާ ކިޔަވާވިދާޅުވި ދުވަސް ވަރު އެ ބާވަތުގެ އެއްވެސް އެކްސިޑެންޓެއް ވެފައި ނުވާނެ ކަމަށެވެ.

"ތިޔަ ފަދަ ތުހުމަތެއް ކުރައްވާ ނަމަ، ނުވަތަ ފައިސާ ތަކެއް އިނގެރޭސި ވިލާތަށް ދީފައި ވާ ނަމަ އެ ތުހުމަތު ކުރެވެނީ އެ ގައުމަށް ނޫންތޯ..އެއީ އަޅުގަނޑުގެ ބައްޕަ އިނގެރޭސި ރާނީ އަށް ނުވަތަ އެ ގައުމުގެ ސަރުކާރަށް ދިން ފައިސާއެއްތޯ؟،" ޣައްސާން ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ވިދާޅުވީ މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ޝަރީޢަތަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވެސް ކުރީގެ ރައީސް މައުމޫންގެ ހަގު ފިރިހެން ދަރިކަލުން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު