ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން އެބަތަިބި ކަމަށާއި ބާސްކެޓަކީ މި ސަރަހައްދަށް ބަލާއިރު ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއްކަމަށް ސައުތް އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އޭކޭ ސަރުކާރު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާތެރޭގައި ރާއްޖޭގައި ނިމިގެންދިޔަ ފަސްވަނަ ސާބާ ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން އޭކޭ ސަރްކާރް ވިދާޅުވީ ރާއްޖެއަށް މިފަހަރުގެ މުބާރަތް ބޭއްވުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ރާއްޖޭގެ ބާސްކެޓާ ބެހޭ އިދާރާތަކާ ވާހަކަ ދެއްކުމުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުމަކީ ރާއްޖޭގައި ބާސްކެޓަށް ލޯބި ކުރާ ބަޔަކު ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"ރާއްޖެއިން ވަރަށް ޕޮޒިޓިވް ހުރިހާ ކަމަކަށްވެސް. މިއީ ސާބާ މުބާރާތްތަކުގެ ތެރެއިން އެންމެ ފުރިހަމަކޮށް ބޭއްވުނު އެއް މުބާރާތް. ސާބާގެ ރައީސް އަހްމަދު ހާފިޒަކީ ރާއްޖެއަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މުބާރާތް ބާއްވަން ކުރަންޖެހޭ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް،" ބަންގްލަދޭޝަށް ނިސްބަތްވާ އޭކޭ ސަރްކާރް ވިދާޅުވިއެވެ.
ސާބާގައި ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖެނެރަލް ސެކްރެޓަރީ އެއްގެ މަގާމް އަދާކުރަމުން ގެންދާ އޭކޭ ސަރުކާރު ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވާ ކަމުގެ ނިޝާންތައް ފެންނަ ކަމަށާއި އެއީ ކުރިއަށްދިޔުމަށް އޮތް ރަނގަޅު ފާލެއް ކަމަށެވެ. އަދި ކޮންމެ ކުޅިވަރެއްވެސް ކުރިއެރުވޭނީ އެކުޅިވަރެއްދެކެ ލޯބި ވެގެން ކަމަށާއި ބާސްކެޓް ފަދަ ކުޅިވަރެއް މި ސަރަހައްދުގައި އެންމެ މަތީ ފަންތީގައި ކުޅުމަކީ ހީނުކުރާ ވަރުގެ ޗެލެންޖެއް ކަމަށް ކުރިން ބަންގްލަދޭޝްގެ ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ބާސްކެޓް ކުޅެފައިވާ އޭކޭ ސަރްކާރްވިދާޅުވިއެވެ.
"ކްރިކެޓާއި ފުޓްބޯޅަ ވައިގަ ހިފާފައިވާ ސަރަހއްދެއްގައި ބާސްކެޓް ކުރިއެރުވުމަކީ ވަރަށް އުނދަގޫ ކަމެއް. ނަމަވެސް މިވަގުތު އިންޑިޔާ ބާސްކެޓްގައި އޮތް ދަރަޖައިން އެބަ ހާމަކޮށްދޭ މި ސަރަހައްދުގެ ޓީމްތަކަށްވެސް އުހުގައި ފިޔަޖަހާލެވިދާނެކަން. އެހެންވީމަ ރާއްޖޭގައިވެސް ބާސްކެޓް ކުރިނޭރުވެންވީ ސަބަބެއް ނެތް،"
އޭކޭ ސަރްކާރު ވިދާޅުވީ ރާއްޖޭގައި އަލަށް މުބާރާތެއް ބޭއްވިގެން ދިޔުމަކީ އޭނާއަށްވެސް ފޮނި ތަޖުރިބާ ތަކެއް ކުރެވުނު ކަމެއް ކަމަށާއި ރާއްޖެ މުބާރާތައް ތައްޔާރުވި ގޮތާ މެދު ހިތްހަމަ ޖެހޭކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް ހުރި މުބާރާތްތައްވެސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމާ މެދު ޖެހިލުންވެނުލައްވާނެ ކަމަށެވެ.
ރާއްޖޭގައި މުޅިން އަލަށް ބޭއްވި ބައިނަލް އަގުވާމީ ބާސްކެޓް މުބާރާތުން ރާއްޖޭގެ ގައުމީ ޓީމް މޮޅުވީ އަވަށްޓެރި ސްރީލަންކާ އަތުން އެކަންޏެވެ. އަދި މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ގެންދިޔައީ ވޭތުވެދިޔަ ހަތަރު އަހަރުގެވެސް ޗެމްޕިއަން އިންޑިޔާއެވެ.